ނުބަލައި ގިނަ ދުވަސް ވެފައިވާ އެއްވެސް މައްސަލައެއް ޖުވެނައިލް ކޯޓުގައި ނޯންނާނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، އެ ކޯޓުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ކޯޓަށް ހުށަހެޅޭ މައްސަލައެއް އެ މައްސަލައެއް ބަލާ ސެކްޝަނަށް ލިބުމުން މަގުބޫލު ސަބަބެއް މެދުވެރި ނުވާނަމަ މައްސަލަ ލިބޭތާ ތިން ދުވަހުގެ ތެރޭގައި މައްސަލައިގެ ފުރަތަމަ އަޑުއެހުމެއް ޝެޑިއުލް ކުރަންޖެހޭ ކަމަށެވެ. އަދި މަގުބޫލު ސަބަބެއް މެދުވެރިވެއްޖެ ހާލަތެއްގައިވެސް ލަސްނުކޮށް އެމައްސަލައެއް ޝެޑިއުލް ކުރަން ވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ގަވާއިދަށް އަމަލުކުރަން ފެށީއްސުރެ، އޭގައިވާގޮތުގެމަތިން އަމަލު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ޖުވެނައިލް ކޯޓަށް ހުށަހެޅޭ މައްސަލަތަށް ވީ އެންމެ އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ، އަހަރެއް ވެފައިވާ އެއްވެސް މައްސަލައެއް މިހާރު ޖުވެނައިލް ކޯޓުގައި ނޯންނާނެ ކަމަށެވެ.

އެ ކޯޓަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައެއް ލަސްވެގެން މިހާތަނަށް އެއްވެސް ފަރާތަކުން ޝަކުވާކޮށްފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިމަހުގެ 12 ދުވަހު ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފޮނުވި އާންމު ސިޓީގައި، ނުނިންމައި ގިނަދުވަސް ވެފައިވާ މައްސަލަތައް އެއްމަސް ދުވަހުގެ ތެރޭގައި ނިންމޭނެފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ އަންގައިފައެވެ. އަދި އެކަމަށް މަގުފަހިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަންގައިފައެވެ.