20 Aug 2015, 21:28
ސައުދީގެ ތާރީހުގައި އެގައުމުގެ އަންހެނުންނަށް ވޯޓު ލުމަށާއި އިންތިހާބުތަކުގައި ވާދަކުރުމަށް ލިބުނު ފުރަތަމަ އިންތިހާބަށް ރަޖިސްޓްރީވަމުން އެބަދެއެވެ.
ސައުދީގެ އޮފިޝަލުން ދެކޭގޮތުގައި، އަންހެނުންނަށް އިންތިހާބުގައި ވޯޓުލުމަށާއި އިންތިހާބުގެ ކެނޑިޑޭޓުންގެ ގޮތުގައި ރަޖިސްޓްރީކޮށް ވާދަކުރުމުގެ ފުރުސަތު ދިނުމަކީ، އެންމެން ބައިވެރިވާ މުޖުތަމައުއަކަށް ދިއުމަށް އެޅުނު މުހިއްމު ބިންގަލެކެވެ.
އަންހެނުންނަށް ވޯޓު ލުމުގެ ހުއްދައާއި މަގާމްތަކަށް ކުރިމަތިލުމުގެ ހުއްދަ، 2011 ވަނަ އަހަރު ދީފައިވަނީ މިދިޔަ ޖެނުއަރީ މަހު އަވަހާރަވި ކިންގް އަބްދުﷲ ބިން އަބްދުލްއަޒީޒު އަލް ސައުދެވެ.
އެ ހުއްދައާއެކު ސައުދީ އަންހެނުންނަށް ވޯޓު ލުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބެނީ، މިއަހަރުގެ ފަހުކޮޅު ބާއްވާ ސިޓީ ކައުންސިލް އިންތިހާބުގައެވެ. އެ އިންތިހާބުގައި ރަޖިސްޓްރީވުމަށް ހުޅުވާލަން ނިންމާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ނަމަވެސް، މައްކާ މަދީނާގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ކުރިން ހުޅުވާލާފައެވެ.
ސައުދީގެ ގިނަ އަންހެނުން ދެކޭގޮތުގައި މިއީ އެމީހުންގެ ކުރިމަގަށް ލިބުނު އުއްމީދެކެވެ. އަދި މިއީ އިޖްތިމާއީ އިގްތިސާދީ އަދި ސިޔާސީ ގޮތުން ސައުދީ އަންހެނުން ކުރިއެރުވުމަށް ލިބުނު ފުރުސަތެކެވެ.
ސައުދީ ނޫހެއް ކަމަށްވާ ސައުދީ ގެޒެޓުން ބުނާގޮތުން، އިންތިހާބުގައި ވޯޓުލުމަށް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްފައިވަނީ ޖަމާލް އަލް ސާދީ އަދި ސަފިނާޒް އަބޫ އަލް ޝަމަތެވެ. އޭގެތެރެއިން ޝަމަތު ދެކޭގޮތުގައި، އިންތިހާބުތަކުގައި ބައިވެރިވުމަކީ ގައުމީ ވާޖިބެކެވެ.
މީގެ ކުރިން މީޑިއާ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ތައުލީމީ އަންހެނެއް ކަމަށްވާ މުނާ އަބޫސުލައިމާން ދެކޭގޮތުގައި، އަންހެނުން މަގާމަށް ހޮވިއްޖެނަމަ "އަންހެނެއްގެ ނަޒަރުން ހިޔާލު ހުށަހަޅައި، އަންހެނުންނާ ދެކޮޅަށްހުރި ގާނޫނުތަކަށް ބައެއް ބަދަލުތައް ގެނައުމަށް ބާރުއެޅޭނެ" އެވެ.
ސައުދީގެ ނޫސްތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އިންތިހާބުގައި ކެނޑިޑޭޓުންގެ ގޮތުގައި ގާތްގަނޑަކަށް 70 އަންހެނުންވާދަކުރާނެ ކަމަށް ބެލެވޭއިރު، ކެމްޕޭން މެނޭޖަރުންގެ ގޮތުގައި ގާތްގަނޑަކަށް 80 އަންހެނުން ބައިވެރިވާނެ ކަމަށެވެ.