މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށް ޕާމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށްޓަކައި، އެ މަގާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ދިވެހި ސިވިލް ސާވިސްގެ ޤާނޫނާއި ދިވެހި ސިވިލް ސާވިސްގެ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ފިޝަރީޒް މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލާފައިވާ ކަމަށާއި އެ މަގާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭއެޕްލިކޭޝަން ފޯމް،އެންމެހައި ލިޔެކިޔުންތަކާއެކު ސެޕްޓެންބަރު އެކެއް ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ ބިލްޑިންގ، 12 ވަނަ ފަންގިފިލާ) އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

"ކޮމިޝަނުން އެކުލަވައިލާ އުސޫލެއްގެ ދަށުން، އެ މަގާމަށް ހޮވޭ ފަރާތް، މަގާމުގެ މުއްދަތުގައި އެއް އޮފީހުން އަނެއް އޮފީހަށް ދައުރުކުރުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ." ސީއެސްސީން ބުނެފައި ވެއެވެ.

އެ ކޮމިޝަނުން ބުނީ،ޕާމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތާއި ޒިންމާއަދި ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލާ ފަރާތުގެ ޝަރުތާއި، ޝޯޓްލިސްޓް ކުރުމާއި، މަގާމަށް މީހަކު ހޮވުމާއި ޢައްޔަނު ކުރުމުގެކްރައިޓީރިއާކޮމިޝަނުގެ ވެބްސައިޓުންފެންނާނެކަމަށެވެ.

މަގާމުގެ ޝަރުތު:

  1. މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޕަރމަނަންޓް ސެކްރެޓަރީގެ ވަޒީފާއަށް ކުރިމަތިލާ މިނިސްޓްރީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  2. ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގެ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މުސާރައާއި އިނާޔަތްތައް:

  1. މުސާރަ: މަހަކު -/20،500 ރުފިޔާ
  2. ލިވިންގ އެލެވަންސް: މަހަކު -/15،000 ރުފިޔާ

ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭއެޕްލިކޭޝަން ފޯމުސީއެސްސީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި އަދި އެ ފޯމު ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް ވެސް ސީއެސްސީން ބުންޏެވެ.

ސީއެސްސީން ބުނީ، ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލާ، މަގާމުގެ ޝަރުތު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަގާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިހާން ކުރުން، ސެޕްޓެންބަރު 6 އިން ސެޕްޓެންބަރު 17 އާ ދެމެދު މާލޭގައި އޮންނާނެ ކަމަށެވެ.

އެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަވިއުއަށް އަދި އިމްތިހާނަށް ހާޒުރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ކޮމިޝަނުން އެދިފައި ވެއެވެ.