20 Aug 2015, 21:32
ކަލަމްބޯ އިން: މުހައްމަދު ސިމާއު
ސްރީ ލަންކާގައި ނިމިގެންދިޔަ މަޖިލިސް އިންތިހާބު ކާމިޔާބު ކުރި ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އާއެކު ގައުމީ ސަރުކާރެއް ގާއިމްކުރުމަށް އިދިކޮޅު ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ނިންމައިފި އެވެ.
ކޯލިޝަން ސަރުކާރެއް ގާއިމްކުރުމަށް އެސްއެލްއެފްޕީން ނިންމާފައި މިވަނީ، އެޕާޓީގެ ޗެއާމަން އަދި ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާއި އިސް މެންބަރުންނާއެކު އެޕާޓީގެ ސެންޓްރަލް ކޮމެޓީން މިއަދު ބޭއްވި މަޝްވަރާތަކަށްފަހު އެވެ.
އެސްއެލްއެފްޕީގެ މެންބަރު އަދި ކުރީގެ ސަރުކާރުގެ މިނިސްޓަރެއް ކަމަށްވާ ނިމާލް ސިރިޕަލަ ޑި ސިލްވާ ވިދާޅުވި ގޮތުގައި، ގައުމީ ސަރުކާރުގައި އެޕާޓީން އޮތުމަށް ނިންމާފައިވަނީ ދެ އަހަރު ދުވަހަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ސަރުކާރުގައި ހިމެނޭ އެހެން ސިޔާސީ ޕާޓީތަކާއެކު ދިމާވެފައިވާ މުހިއްމު މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޕާޓީގެ އެހެން މެންބަރެއް ކަމަށްވާ އޭއެޗްއެމް ފައުޒީ ވިދާޅުވީ، ގައުމީ ސަރުކާރުގައި އެސްއެލްއެފްޕީން މަސައްކަތްކުރާނެ ޕޮލިސީ ފްރޭމްވޯކެއް ގާއިމްކުރުމަށް ލަންކާގެ ކުރީގެ ރައީސް ޗަންދުރިކާ ކުމާރަތުންގެ ބެލުމުގެ ދަށުން ހާއްސަ ކޮމެޓީއެއް އުފައްދާފައިވާ ކަމަށެވެ.
އެގޮތުން ކޯލިޝަން ސަރުކާރުން އެސްއެލްއެފްޕީއަށް ލިބޭނެ މިނިސްޓީރިއަލް ޕޯޓްފޯލިއޯގެ އަދަދާ ގުޅޭގޮތުން ވެސް އެ ކޮމެޓީގައި މަޝްވަރާކުރައްވާނެ ކަމަށް ފައުޒީ ވިދާޅުވި އެވެ.
"ގައުމީ ސަރުކާރުގެ ކޮންސެޕްޓު ކާމިޔާބުވެއްޖެނަމަ ދެއަހަރަށްފަހު އަނެއްކާވެސް އެކުގައި މަސައްކަތްކުރާނީ. އެކަން އެގޮތަށް ނުވެއްޖެނަމަ ދެ އަހަރަށްފަހު އެސްއެލްއެފްޕީން ސަރުކާރުން ވަކިވާނެ،" ފައުޒީ ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު ލަންކާގައި ބޭއްވި މަޖިލިސް އިންތިހާބުގައި ކާމިޔާބީ ހޯދި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީއަށް ވެސް އަދި އިދިކޮޅު އެސްއެލްއެފްޕީ އަށްވެސް އަމިއްލަ ސަރުކާރެއް ގާއިމްކުރުމަށް ބޭނުންވާ ވަރަކަށް މުޅި މެޖޯރިޓީ ލިބިފައެއްނުވެ އެވެ. މަޖިލީހުގެ މެޖޯރިޓީ ލިބޭނީ 113 ގޮޑި ކާމިޔާބު ކޮށްގެންނެވެ.
މަޖިލީހު އިންތިހާބުގައި ޔޫއެންޕީއަށް މަޖިލީހުން 106 ގޮޑި ކާމިިޔާބު ކުރެވުނު އިރު، އެސްއެލްއެފްފީއަށް ކާމިޔާބުކުރެވުނީ 95 ގޮޑިއެވެ.
މައުލޫމާތު: ޑެއިލީ މިރާ، ކޮލަންބޯޕޭޖް އަދި ލަންކާގެ ބައެއް ނޫސް އިދާރާތައް