ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް އެގައުމުގައި ކުޅޭ މެޗް އެއްވަރުކޮށްލެވުނަސް ރާއްޖެއަށް ފުދޭކަމަށް ގައުމީ ޓީމްގެ ކޯޗްގެ މަސްއޫލިއްޔަތު އުފަލަމުންދާ އެސިސްޓެންޓް ކޯޗް އިސްމާޢީލް މަހްފޫޒް (އިންމަ) ބުނެފިއެވެ.

އިންމަ އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ ޗައިނާގައި އެގައުމުގެ 75،000 ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެއަށް އެ މެޗު އެއްވަރުކޮށްލެވުނަސް އެއީ ރާއްޖެއަށް ބޮޑު ކަމިޔާބެއް ކަމަށެވެ.

އިންމަ ބުނީ، އެޓާގެޓަށް ވާސިލްވުމަށް ދިވެހި ކުޅުންތެރިން ބުރަކޮށް މަސައްކަތް ކުރާނެކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައެވެ.

މީގެ ކުރިން ރާއްޖެއާ ޗައިނާ ވަނީ ދެފަހަރު ބައްދަލުކޮށްފައެވެ. 2002 ވަނަ އަހަރު ކޮރެއާއާއި ޖަޕާނުގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް އެގައުމުގައި 2001 ވަނަ އަހަރު އޭޕްރީލް މަހު 22 ވަނަ ދުވަހު ކުޅުނު މެޗުން ރާއްޖެ ބަލިވީ 10-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންވެ.

ނަމަަވެސް އޭގެ ފަސް ދުވަސް ފަހުން އޭޕްރީލް 28 ވަނަ ދުވަހު ރާއްޖޭގައި ކުޅުނު މެޗުގައި ޗައިނާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ރާއްޖެއާއި ޗައިނާ އަންނަ މަހު އަށް ވަނަ ދުވަހު އެގައުމުގައި ކުޅޭ އިރު، ކޮލިފައިންގައި ކުރިން ކުޅުނު ދެމެޗްގައި ރާއްޖޭގެ ޓީމަށް ކޯޗްކޮށްދިން ވެލިޒާ ޕޮޕޯފް ވަނީ އަހްލާގީ މައްސަލަތަކެއްގެ ސަބަބުން ކޯޗް ކަމުން ދުރައްގޮސްފައެވެ.

އެފްއޭއެމްއިން ބުނީ، ޗައިނާ މެޗްގެ ކުރިން ކޯޗެއް ހަމަޖެހުނު ކަމުގައި ވީނަމަވެސް އެމެޗްގައި ޓީމަށް އިރުޝާދު ދޭނީ އިންމަ ކަމަށެވެ.