ގޭންގު މާރާމާރީތައް ގިނަ އެލް ސަލްވަޑޯގައި ލޭ އޮހޮރުވުންތައް ގިނަވެ، މި ހަފްތާގެ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި 125 މީހުން މަރާލާފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ނެޝަނަލް ޕޮލިސް ޗީފް މައުރީސިއޯ ރަމިރޭޒް ވިދާޅުވީ، މަސްތުވާތަކެތީގެ ގޭންގުތަކާ ގުޅުންހުރި މާރާމާރީތަކުގައި މިދިޔަ އާދީއްތަ ދުވަހު 40 މީހުން، ހޯމަ ދުވަހު 42 މީހުން އަދި ބުދަ ދުވަހު 43 މީހުން މަރާލާފައިވާ ކަމަށެވެ.

"މިއީ ކަންބޮޑުވާންޖެހޭ އަދަދުތަކެއް. މިއީ ސަލްވާޑޯގެ ރައްޔިތުން. ގޭންގު މެންބަރެއް ވިޔަސް އަދި ނުވިޔަސް،" ރިޕޯޓަރުންނާ ވާހަކަދައްކަވަމުން ރަމިރޭޒް ވިދާޅުވި އެވެ.

ގާތްގަނޑަކަށް ހަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސެންޓްރަލް އެމެރިކާގެ ގައުމެއް ކަމަށްވާ ސަލްވަޑޯގެ އޮތޯރިޓީތަކުން ބުނާގޮތުން، މިހާރު ހިންގަމުންދާ މާރާމާރީތަކުގެ ބޭނުމަކީ ގޭންގުތަކުގެ ލީޑަރުންނާއެކު މަޝްވަރާގެ މޭޒު ދޮށަށް އައުމަށް ސަރުކާރަށް ޕްރެޝަރުކުރުމެވެ.

އެގޮތުން ޑްރަގް ގޭންގުތަކުގެ ބޮޑުންގެ އެންމެ ބޮޑު ޕްރެޝަރަކީ އެންމެހައި ސެކިއުރިޓީ ޖަލުތަކުން އެމީހުންގެ ލީޑަރުން އެހެން ޖަލަކަށް ބަދަލުކުރުމެވެ.

"އެމީހުން ބޭނުންވަނީ ކޮންމެވެސް ވަރެއްގެ ޕުރެޝަރެއް ކޮށް، އެމީހުން އެދެމުންދާ ކަންތައް ސަރުކާރުން ކޮށްދިނުން،" ޖަސްޓިސް އެންޑް ޕަބްލިކް ސޭފްޓީގެ މިނިސްޓަރު ބެނިޓޯ ލާރާ ވިދާޅުވި އެވެ.

ސަލްވަޑޯގެ އެންމެ އިސް ޕްރޮސެކިއުޓަރު ލުއިސް މާޓިނޭޒް ވިދާޅުވާގޮތުގައި، "ޓެރަރިސްޓު ކުށްވެރިންގެ ގްރޫޕް" ތަކުން އެމީހުން ބޭނުންވާ ކަމެއް ކުރަން ފަހެއް ނުޖެހޭނެ އެވެ.

އެގޮތުން އެގައުމުގެ ބާރިއޯ 18 ނަމަކަށްކިޔާ ބޮޑު ގޭންގަކުން ވަނީ މިދިޔަ މަހުގެ ތެރޭގައި "ބަހުގެ ހަޅުތާލެއް"ކޮށް ހަތް ބަސް ޑްރައިވަރުން މަރާލާފައެވެ.

ސެލްވަޑޯ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ގޭންގު މާރާމާރީތަކުގައި 3332 މީހުން މަރާލާފައިވެ އެވެ. އެއީ މިދިޔަ އަހަރަށްވުރެ 1141 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މަރާލާފައިވާ ކަމަށް ރިކޯޑް ކުރެވިފައިވަނީ 2191 މީހުންނެވެ.

ސަލްވަޑޯގައި އުޅޭ ގޭންގުތަކުގައި ގާތްގަނޑަކަށް 72،000 މެންބަރުން އުޅޭއިރު، 13،000 މީހުން ތިބީ ހައްޔަރުކޮށްފައެވެ.

މައުލޫމާތު: އޭއެފްޕީ