20 Aug 2015, 17:16
ކްރައިމިޔާ (އޮގަސްޓް 20): ރަޝިއާގެ ރައީސް ވަލްޑިމޭރު ޕޫޓިން ކަޅުކަނޑުގެ އަޑިއަށް ފީނުއްވައި އެ ކަނޑުގެ އަޑި ވަރަށް ރަނގަޅަށް ބައްލަވާލައްވައިފި އެވެ.
ރަޝިއާގައި އުފައްދާފައިވާ ކުޑަ އެހެންނަމަވެސް ވަރަށް ފުންތަންތަނަށް ފީނުމުގެ ގާބިލްކަން ލިބިފައިވާ ކަނޑުގެ ތަހްލީލްތަކާބެހޭ ސަބްމެރިން އެއްގައި ކަޅުކަނޑުގެ އެންމެ ފުންހިސާބުތަކަށް ޕޫޓިން ފީނުއްވާފައިވަނީ ރަޝިއާގެ ޖޯގްރަފިކަލް ދިރާސާތަކާބެހޭ ޖަމްޢިއްޔާގެ 170 ވަނަ އަހަރީ ދުވަހުގެ މުނާސަބުގައި އެޖަމިއްޔާގެ އެދުމަކަށެވެ.
ރަޝިއާގެ ޖޯގްރަފިކަލް ދިރާސާތަކާބެހޭ ޖަމިއްޔާ އަކީ ކަނޑާއި އެއްގަމުގެ ޖިއޮގްރަފީއާބެހޭ ހޯދުންތައް ހޯދައި އިލްމީ ދިރާސާތައްކުރާ ސައެންސްވެރިންގެ ޖަމިއްޔާއެކެވެ. އެޖަމިއްޔާގެ ބައެއް ސައެންސްވެރިންނާއެކު ޕޫޓިން ކަޅުކަނޑުގެ އަޑިއަށް ފީނުއްވިނަމަވެސް އެއީ ސައެންޓިފިކް ރީސާޗެއްގައި ބައިވެރިވުން ނޫންކަމަށް ޕޫޓިން ވިދާޅުވިއެވެ.
މިދަތުރުގައި ސަބްމެރިން ކަނޑުގެ އަޑީގައި އޮތްއިރު އެތަނުން ފެންނަ ތަކެއްޗާބެހޭގޮތުން ވަޔަލެސްކޮށް ޕޫޓިންވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވައިފައެވެ.
ޕޫޓިން ވިދާޅުވިގޮތުގައި އޭނާ ކަޅުކަނޑުގެ އަޑިއަށް ފީނުއްވީ ރަޝިއާގެ ތާރީޚާއި ޘަގާފަތާއި އަމިއްލަ ވަންތަކަމަށް ސަމާލުކަން ދިނުމުގެ ރޫހު ރައްޔިތުންގެ ހިތްތަކުގައި އަށަގެންނެވުމަށާއި ސައެންސްވެރިންގެ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
ކަޅުކަނޑުގެ އަޑިން ޕޫޓިންއަށް ފެނިވަޑައިގެންނެވި ތަކެތީގެ ތެރޭގައި މީލާދީގޮތުން 10 ވަނަ ގަރުނުގެ ތެރޭގައި އެކަނޑަށް ފެތިފައިވާ އާގުބޯޓެއްގެ ހަލާކުވެފައިވާ ބައިތައް ހިމެނެއެވެ. ކަޅުކަނޑުގެ އަޑިން ޕޫޓިން ބެއްލެވި ތަންތަނުގެ ތެރޭގައި މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ރަޝިއާއިން އެގައުމުގެ ބައެއްގެ ގޮތުގައި ހަމަޖެއްސި ކްރައިމިޔާ ސަރަހައްދުގެ އައްސޭރިފަށްވެސް ހިމެނެއެވެ. ކްރައިމިޔާގެ ކޮންޓިނެންޓަލް ޝެލްފްގެ ކައިރިން އެކިބާވަތުގެ މަސްތަކާއި ހިތްގައިމު އެތަށް މަންޒަރުތަކެއް ފެނުނުކަމަށް ޕޫޓިން ވިދާޅުވިއެވެ.
ކަޅުކަނޑުގެ އައްސޭރީގައި އޮންނަ ކްރައިމިޔާއަކީ ކުރިން ޔުކްރޭންގެ ބައެއްގެ ގޮތުގައި އޮތް ސަރަހައްދެކެވެ. އެސަރަހައްދު ރަޝިއާގެ ބައެއްގެ ގޮތުގައި ޕޫޓިން ހަމަޖެއްސެވީ ހުޅަނގުގެ ގައުމުތައް އަޑީގައި ތިބެގެން ޔުކްރޭނަށް މަދަނީ އިންގިލާބެއް ގެނަސް އެގައުމުގެ ވެރިކަން ފުރޮޅާލައި ހުޅަނގަށް ތާއީދުކުރާ ބަޔަކު ޔުކްރޭންގެ ވެރިކަމަށް އަތްގަދަ ކުރުމާގުޅިގެންނެވެ.
ޕޫޓިންވަނީ ރަޝިއާގެ ޖޯގްރަފިކަލް ދިރާސާތަކާބެހޭ ޖަމިއްޔާގެ ދަތުރެއްގައި 2014 ވަނައަހަރު އާޓިކް އޯޝަންގެ ގަލްފް އޮފް ފިންލެންޑް ސަރަހައްދުގެ އަޑިއަށްވެސް ފީނުއްވާފައެވެ.
ރަޝިއާގެ ޖޯގްރަފިކަލް ދިރާސާތަކާބެހޭ ޖަމިއްޔާއަކީ 1845 ގައި ރަޝިއާގެ އޭރުގެ އެމްޕެރަރ ނިކޮލާއި އެއްވަނަ އުފެއްދެވި އިލްމީ ހޯދުންތަކާބެހޭ ޖަމިއްޔާއެކެވެ. އެޖަމިއްޔާގައި ގިނައަދަދެއްގެ ސައެންސްވެރިން އިލްމީ ހޯދުންތަކުގައި މަސައްކަތް ކުރެއެވެ. އަދި ރަޝިއާގެ އެކިކަންކޮޅުތަކުގައި މި ޖަމިއްޔާގެ 85 ގޮފި ހުރެއެވެ. (ނޫސްއެޖެންސީތައް)