ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި ފޮނުއްވައިލެއްވި ތެލަސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލުގެ ބަހުސް ހޫނުވެ، މާފަންނު ދެކުނުދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު )ބޮންޑާ(ގެ ނަން އިއްވަވައި ޖަލްސާ އިން ނިކުންނަވަން އެންގެވުމުން ވެސް އޭނާ ޖަލްސާ އިން ނުނިކުންނެވުމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ހެނދުނު ދަންފަޅީގެ ޖަލްސާ މެދުކަނޑާލައިފި އެވެ.

ބިލުގެ ބަހުސް ހޫނުވީ، ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާނު ހުސެއިން މަނިކު، ބިލަށް ވާހަކަ ދައްކަވަމުން، މި ބިލު މަޖިލީހަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ލަފާ ދެއްވާފައިވާ ބަންޑާރަ ނާއިބު ޑރ. އަހްމަދު އަލީ ސަވާދަކީ މަޖިލީހުގެ ރުހުންނުލިބި ހުންނެވި، އެއްވެސް ގާނޫނީ ހައިސިއްޔަތެއްނެތް ބޭފުޅެއްކަމަށް ވިދާޅުވެ، ވާހަކަ ދައްކަވަން ފެއްޓެވުމުން، އިބްރާހިމް ރަޝީދު ތެދުވެވަޑައިގެން ނިހާނަށް ރައްދު ދެއްވަން ފެއްޓެވެމުންނެވެ.

ނިހާނު ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތުން ފާސްކޮށްފައިވާ ބިލެއް ތަސްދީގު ނުކުރައްވައި މަޖިލީހަށް ފޮނުއްވައިލެއްވި އިރު އެބިލުގައި މަޖިލީހުގެ މެންބަރުންގެ ހިއްސާ ހިމެނޭ މިންވަރު ނުބައްލަވާ ކަމަށެވެ.

ނިހާނުގެ ވާހަކައާ ގުޅިގެން އިބްރާހިމް ރަޝީދު، ރިޔާސަތުގެ ހުއްދައެއް ނެތި ތެދުވެވަޑައިގެން އަޑުގަދަ ކުރައްވައި ހުތުރުބަހުން ނިހާނަށް ރައްދުދެއްވަން ފެއްޓެވުމުން، އިބްރާހިމް ރަޝީދުގެ ނަން އިއްވެވީ ރިޔާސަތުން އެތައް ފަހަރަކު އިންޒާރު ދެއްވުމަށް ފަހުގަ އެވެ. އަދި މަޖިލީހުގެ ޖަލްސާ އިން ނިކުންނެވުމަށް ރިޔާސަތުން އެންގެވުމުން ވެސް ޖަލްސާ އިން އޭނާ ނުނިކުންނެވުމުން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ނަން އިއްވި މެންބަރު ނިކުންނަވަންދެން ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމު ޖަލްސާ މެދުކަނޑުއްވައިލެއްވީ، 10:11ގަ އެވެ.

----------------------

މަޖިލީސްގެ މެންބަރެއްގެ ނަން އިއްވައި ނުކުންނަވަން އަންގަވައިފި އެވެ.
ނަން އިއްވީ މާފަންނު ދެކުނު ދާއިރާގެ އިބްރާހީމް ރަޝީދުގެ ނަމެވެ. [ތަފުސީލް އަންނަނީ]