20 Aug 2015, 16:35
ސްލޮވާކިއާގެ ކެޕިޓަލް ބްރާޓިސްލާވާ ސަރަހައްދު ވައިގެ މަގުން ދަތުރު ކުރަމުން ދިޔަ ދެ ފްލައިޓެއް މިއަދު ޖެހި ގޮވައި ހަތް މީހަކު މަރުވެއްޖެ އެވެ.
އޮންލައިން ނޫހެއް ކަމަށްވާ އިންޑިޕެންޑެންޓް އިން ބުނެފައި ވަނީ އެ ހާދިސާގައި ޖެހިފައި ވަނީ ކޮން ކަހަލަ ފްލައިޓުތަކެއްކަން ނޭނގޭ ކަމަށާއި އެ ހާދިސާ ހިނގާފައިވާ ފްލައިޓްތަކުގައި ތިބި މީހުންގެ އަދަދެއް ވެސް ނޭނގޭ ކަމަށް ސްލޮވާކިއާގެ ސްޕޯކްސްޕާސަން އެގައުމުގެ ފަޔާ އެންޑް ރެސްކިއު ސާވިސް ކައިރީ ބުނެފައިވާ ކަމަށެވެ.
ސްލޮވާކިއާގެ ނޫހެއް ކަމަށްވާ ޓީއޭ3 އިން ބުނެފައިވާ ގޮތުގައި ޖެހި ހަލާކުވި އެދެ ފްލައިޓަކީ "ސްޕޯޓްސް ޕްލޭން" ކަމަށެވެ. ނަމަވެސް އޭގެ ސައިޒެއް އަދި އިތުރު މައުލޫމާތެއް އެ ނޫހަކުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
އެ ގައުމުގެ އިތުރު ނޫހެއް ކަމަށްވާ މަރްކީޒާ ޓީވީ އިން ބުނާ ގޮތުގައި އެ ފްލައިޓުތަކަކީ 40 ޕެރަޝޫޓިސްޓުންނަށް ވުރެ ގިނައިން މީހުން ގެންދެވޭ ވަރުގެ ޖާގަ ހުރި ފްލައިޓުތަކެއް ކަމަށެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އެ ފްލައިޓް ޖެހުނު ގަޑީގައި ބައެއް ޕެރަޝޫޓިސްޓުން އޭގެން ފައިބާފައިވާ ކަމަށް ވެސް އެ ނޫހުން ވަނީ ބުނެފަ އެވެ.