20 Aug 2015, 16:29
އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު ރޯޑު ރޭހަށް އަލުން ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ.
ދިރާގުން މިއަދު ބުނީ އެ ފުރުސަތު ހުޅުވާލީ ރޯޑު ރޭހުގައި ބައިވެރިވުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުން އަންނާތީ ކަމަށެވެ.
ދިރާގުން ބުނީ މާދަމާ ރޭގެ ދަންވަރު 12:00 އާ ހަމައަށް ރަޖިސްޓުރީ ކުރުމުގެ ފުރުސަތު ހުޅުވާލަފައިވާނެ ކަމަށެވެ. އަދި ބުނީ މިހާރު ވެސް ގިނަ އަދަދެއްގެ ބަޔަކު ރޯޑު ރޭހުގައި ބައިވެރިވުމުގެ ގޮތުން ރަޖިސްޓްރީ ކުރަމުން އަންނަ ކަމަށާއި އެހެންކަމުން އަލުން ރީ ރަޖިސްޓްރީއަށް ހުޅުވާލި ފުރުސަތުގައި ވީ އެންމެ އަވަހަކަށް ރަޖިސްޓުރީ ވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ރޯޑު ރޭހުގައި ބައިވެރިވުމަށް މީގެ ކުރިން ރަޖިސްޓުރީކޮށްފައިވާ ފަރާތްތަކަށް މި މަހުގެ 15 އިން 18 އަށް ވަނީ ރޯޑު ރޭހުގެ ބިބާއި ޓީޝާޓު ދޫކޮށްފަ އެވެ.
ދިރާގުން ބުނީ އެ ހަތަރު ދުވަހުގެ ތެރޭގައި ރޯޑު ރޭހުގެ ބިބާއި ޓީޝާޓު ނުގެންގޮސް ތިބި ބައިވެރިންގެ ބިބުތައް މިހާރު ކެންސަލުކޮށްފައިވާ ކަމަށެވެ. އަދި ކެންސަލު ކޮށްފައިވާ ބިބުތައް އަލުން ރަޖިސްޓްރީވާ ފަރާތްތަކަށް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.