ވަޒީފާއަށް ސަލާމް ބުނުމުން ސާވިސް އެލަވަންސުން އުނިކުރެވޭނެ ކަމަށް ބުނެފައިވާ މާއްދާ ވަޒީފާއާ ބެހޭ ގާނޫނާއި ގާނޫނު އަސާސީއާ ޚިލާފު ކަމަށް ކަނޑައަޅައި އެ މާއްދާ ބާތިލުކޮށް ދިނުމަށް އެދި ހައިކޯޓަށް ހުށަހަޅައިފި އެވެ.

އެ މާއްދާ ބާތިލު ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހަޅުއްވި އައްޑޫ ސިޓީ ކައުންސިލުގެ ލީގަލް އޮފިސަރު ހުސައިން ހަބީބު 'ސަން' އަށް ވިދާޅުވީ އެ މައްސަލަ ހުށަހެޅުއްވީ ވަޒީފާއާ ބެހޭ ގާނޫނުގެ 160 ވަނަ މާއްދާގެ (ހ)ގެ ސަބަބުން ސިވިލް ސާވެންޓުންގެ ހައްގު ގެއްލިގެން ދާތީ ހުރިހާ ފަރާތްތަކެއްގެ ހައްގުގައި ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ އެމާއްދާ ބާތިލުކޮށްދެއްވުމަށް އެދި ހަބީބް ހުށަހެޅުއްވި މައްސަލަ ހައިކޯޓުން މިއަދު ވަނީ ބަލައިގެންފަ އެވެ.

ވަޒީފާ އަށް ސަލާމް ބުނި ދުވަހެއްގައި ސާވިސް އެލަވަންސުން ކެނޑި މައްސަލައެއް ވަޒީފާ އާ ބެހޭ ޓްރިބިއުނަލަށް ހުށަހެޅުމުން، ސަލާން ބުންޏަސް ސާވިސް އެލަވަންސުން ނުކެނޑޭނެ ކަމަށް ބުނެ ޓްރިބިއުނަލުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި ސަލާމް ބުނި ދުވަހުގެ ސާވިސް އެލަވަންސުން ކެނޑި ރުފިޔާ އަނބުރާ ދިނުމަށް ވެސް ޓްރިބިއުނަލުން ސިވިލް ސާވިސް ކޮމިޝަނަށް އަންގާފައިވެ އެވެ.

ނަމަވެސް އެ ހުކުމަށް ސިވިލް ސާވިސް ކޮމިޝަނުން އަމަލުކޮށްފައެއް ނުވެ އެވެ. އެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.