މިދިޔަ ޖޫން މަހުގައި ލ. ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބާންދް ޝަހުމިޔާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ޝަރީއަތް އަނެއްކާ ވެސް ކެންސަލް ކޮށްފި އެވެ.

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ލ. ގަން ރެޑްފިޝް އަލީ ހަމްޒާ ގެ ޝަރީއަތް މިއަދު ވެސް ކެންސަލްކުރީ ވަކީލަކު ހަމަނުޖެހިގެންނެވެ.

އެ މައްސަލާގައި އެންމެ ފުރަތަމަ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ 9 ޖޫން 2015 ވަނަ ދުވަހު 22:00 އެހާކަންހާއިރު ލ. ގަން ރަންދާނުގެ ފެންޑާގައި ބާންދް ޝަހުމިޔާ ނިދާފައި އޮއްވާ ދިގުމިނުގައި ތިން ފޫޓު ހުންނަ ދިގު ލަކުޑި ފަތިބުރިއަކުން ބާންދު ޝަހުމިޔާގެ މޫނުގައި ޖަހުމުގެ ސަބަބުން ބާންދު ޝަހުމިޔާ މަރުވެފައި ވާތީ އަލީ ހަމްޒާގެ މައްޗަށް ހަތިޔާރު ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލަނީ ކަމަށެވެ.

އެ މައްސަލައިގެ ދައުވާ ލިބޭ އަލީ ހަމްޒާ އެދުވަހު ބުނެފައިވަނީ ދައުވާއަށް ޖަވާބު ދާރީވާން ބޭނުން ވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ.