20 Aug 2015, 13:48
ގެސްޓުހައުސްއަކަށް ފިރިހެނަކު ވެއްދުމަށް ފަހު އޭނާގެ އަތުން ފޭރުނު ދިވެހި އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އިއްޔެ 3:15ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 37 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
އެ އަންހެން މީހާ ހައްޔަރުކުރީ އެހީތެރިކަމަށް އެދި ގޮވައި މާފަންނު އަވަށުގައި ހުރި ގެސްޓް ހައުސްގެ ކޮޓަރިއަކަށް މީހަކު ވެއްދުމަށް ފަހު ފޭރުނު މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.
"ފުލުހުން އެ ގެސްޓް ހައުސް އަށް ގޮސް ބަލައިފާސްކުރި އިރު ފޭރިގަތް ކަމަށް ތުހުމަތު ކުރެވޭ ފަރާތް އެވަގުތު އެ ގެސްޓް ހައުސްގެ ކޮޓަރިއެއްގެ ތެރޭގައި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި. އަދި އެ ރޫމް ބަލައިފާސްކުރިއިރު ފޭރިގަތް ކަމަށް ބެލެވޭ ފޯނު ޑަސްބިން ތެރޭގައި އޮއްވާ ވަނީ ފެނިފަ،" ފުލުހުން ބުންޏެވެ.
ފޭރުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަންހެންމީހާއަކީ ތަފާތު އެކި ކަންކަމާ ގުޅިގެން 12 ފަހަރު ހުއްޓުވައި ސުވާލުކޮށް އަށް ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަ ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ފަސް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައި ކަމަށް ފުލުހުން ބުނެއެވެ.
"އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަތަކުގެ އިތިރުން ބަދުއަހްލާޤީ އަމަލު ހިންގުމުގެ މައްސަލަ ތަކުގެ ރެކޯޑް އޮންނަ މީހެއް" ފުލުހުން ބުންޏެވެ.