ތިމާވެއްޓާ ގުޅޭ ގޮތުން ސްކޫލް ކުދިންތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، މައުލޫމާތު ހިއްސާ ކުރުމަށް ސްކޫލު ކުދިންގެ ފުރަތަމަ ގައުމީ ފޯރަމް ފަށައިފި އެވެ.

މިއަދު ދަރުބާރުގޭގައި ފެށި ސްކޫލު ކުދިންގެ ގައުމީ ތިމާވެށީގެ ފޯރަމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެކި ސްކޫލުތަކުން ޖުމްލަ 205 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

މާލޭގެ 17 ސްކޫލަކުން އެ ފޯރަމްގައި ބައިވެރިވެފައިވާ އިރު އަތޮޅުތަކުގެ 24 ސްކޫލަކުން ވަނީ އެ ފޯރަމްގައި ބައިވެރިވެފަ އެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ފޯރަމް ކުރިއަށް ދާނީ ތިމާވެއްޓާ ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމަށް މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެގޮތުން ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކުގެ މައްޗަށް ރީސާޗު ކުރުމަށް ފަހު ކޮންމެ ސްކޫލަކުން ޕްރެޒެންޓޭޝަން ހުށަހަޅާނެ އެވެ.

ފޯރަމް ކުރިއަށްދާ ދާއިރާތަކުގެ ތެރޭގައި ބަޔޯ ޑައިވާސިޓީ އާއި ވޭސްޓް މެނޭޖްމެންޓާއި ކޯސްޓަލް މެނޭޖުމެންޓްގެ އިތުރުން އިނޮވޭޝަން އެންޑް ގްރީން ޓެކްނޮލޮޖީ ހިމެނެ އެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެށީގެ ގައުމީ ފޯރަމްގެ ރިޔާސަތު ބަލަހައްޓަނީ ސެންޓާ ފޮ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އާ ގުޅިގެން ކުރިއަށް ގެންދާ ފޯރަމް ދެން ބާއްވާނީ 2017 ވަނަ އަހަރު އެވެ.

ސްކޫލު ކުދިންގެ ފުރަތަމަ ގައުމީ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިއަދުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ރާއްޖޭގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ރަނގަޅު ތިމާވެއްޓެއް ލިބުމަކީ އަސާސީ ހައްގެއް ކަމަށާއި އެއީ ޒިންމާއެއް ކަމަށް ގާނޫނު އަސާސީގައި ވެސް ބުނެފައިވާ ކަމަށެވެ.

އޭނާ ވިދުވީ އެ ފަދަ ފޯރަމްތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި ތިމާވެއްޓާ މެދު ހޭލުންތެރިވެ ކުރިއަށް އޮތްތާގައި ތިމާވެށި ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންތައް އެނގިގެންދާނެ ކަމަށެވެ.