ގަނޑު ކަނޑައިގެން ފެން ފިލްޓާކޮށް ސާފު ބޯފެނަށް ބަދަލުކޮށްދޭ ފޮތެއް އެމެރިކާގެ ސިޓީއެއް ކަމަށްވާ ޕިޓްސްބާގްގެ ކާނިގީ މެލަން ޔުނިވާސިޓީ ޕޯސްޓްޑޮކްޓޯރަލް ރިސާޗާއެއް ކަމަށްވާ ޑރ. ޓެރީ ޑެންކޮވިޗް އީޖާދުކޮށްފި އެވެ.

މި ފޮތުގެ "ޓްރީޓް" ކޮށްފައިވާ ގަނޑުތަކުގައި ފެން ފިލްޓާކުރާނެ ގޮތާއި، ފެން ފިލްޓާ ކުރުމުގެ މުހިންމު ކަމާބެހޭ މައުލޫމާތު ހިމަނައިފައިވެއެވެ. އަދި ފޮތުގެ ގަނޑުތަކުގައިވާ ރިހި، ނޫނީ ކޮޕާ "ނެނޯ ޕާޓިކަލްސް"ގެ ސަބަބުން ފެނުގައި ހިމެނޭ ޖަރާސީމު ނައްތާލެވެއެވެ.

ސައުތު އެފްރިކާ، ގާނާ އަދި ބަންގްލަދޭޝްގެ 25 ދިމާލަކުން ތަޣައްޔަރު ވެފައިވާ ފެން ބޭނުންކޮށްގެން ހެދި ތަހުލީލުތަކުން ދައްކާގޮތުގައި އެ ފޮތުގެ ގަނޑުތަކުން 99 އިންސައްތައަށްވުރެ ގިނަ ޖަރާސީމު ނައްތާލައެވެ.

ރިސާޗަރުންނާ ހަވާލާދީ ބީބީސީގައި ލިޔެފައިވާ ގޮތުގައި މި ފޮތުގެ ގަނޑުތަކުން ފިލްޓާ ވެގެން އަންނަ ފެނުގެ ފެންވަރު އެމެރިކާގެ "ޓްރީޓް" ކޮށްފައިވާ ފެނާއި އެއްވަރެވެ. އަދި ފެނުގެ ތެރެއަށް ރިހި އަދި ކޮޕާ ފޭދުނު ނަމަވެސް އެއީ ނުރައްކަލެއް ކުރިމަތިވާވަރަށް ވުރެ މަދު އަދަދެކެވެ.

މި ތަހުލީގެ ނަތީޖާތައް ވަނީ އެމެރިކާގެ ބޮސްޓަންގައި ބޭއްވި "އެމެރިކަން ކެމިކަލް ސޮސައިޓީ"ގެ 250 ވަނަ ބައަދަލުވުމުގައި ހިއްސާ ކޮށްފައެވެ.

ޑރ. ޓެރީ މި ޓެކްނޮލޮޖީ އީޖާދުކޮށް ތަހުލީލުކުރީކުރަން އެތައް އަހަރެއް ނެގި އެވެ. އޭނާ ފުރަތަމަ މަސައްކަތް ކުރީ ކެނެޑާގެ މެކްގިލް ޔުނިވާސިޓީގައެވެ. އަދި ފަހުން ޔުނިވާސިޓީ އޮފް ވާޖިނިއާގައެވެ.

ދުނިޔޭގެ 663 މިލިއަން މީހުންނަށް ރައްކާތެރި ސާފު ބޯފެން ނުލިބޭކަން ފާހަނގަކުރަމުން ޑރ. ޓެރީ ބުނިގޮތުގައި މި ޓެކްނޮލޮޖީ އީޖާދުކުރެވުނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް އަމާޒުކޮށެވެ.

"ހަމައެކަނި ކުރަންވީ ކަމަކީ އެ ފޮތުން ގަނޑެއް ކަނޑައި، އާދައިގެ ފިލްޓާ ހޯލްޑަރެއް މަތީ ބާއްވައި އެއަށް ކޯރުތަކުން، ފެންއާރުތަކުން، ނޫނީ ވަޅުތަކުން ފެން އަޅަންވީ. ދެން އޭގެން ސާފު ބޯފެން ނިކުންނާނެ – މަރުވެފައި ހުންނަ ޖަރާސީމުވެސް،" ޑރ. ޓެރީ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އޭނާގެ ތަހުލީލުތަކުން ދައްކާ ގޮތުގައި އެއްގަނޑުން 100 ލީޓަރުގެ ފެން ސާފުކޮށްލެވޭނެ އެވެ. އަދި އެފޮތުން އެކަކަށް ހަތަރު އަހަރަށް ބޭނުންވާ ބޯފެން ސާފުކޮށްލެވޭނެއެވެ.