މީގެ ދެ އަހަރު ކުރިން ބޮލީވުޑް ބޮކްސް އޮފީސް ގުގުމާލި އެކްޝަން ކޮމެޑީ ފިލްމު "ސަން އޮފް ސަރްދާރު"ގެ އިތުރު ފިލުމެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ބުނެފި އެވެ.

"ސަން އޮފް ސަރުދާރު" ގެ ދެވަނަ ފިލުމެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަން ފުރަތަމަ ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި އެކްޓަރު އަޖޭ، 46 ހާމަކޮށްފައިވަނީ އޭނާ އިއްޔެ ކުރި ޓްވީޓެއްގައެވެ.

އޭނާގެ ޓްވީޓުގައި ބުނެފައި ވަނީ "ސަންސް އޮފް ސަރުދާރު"ގެ ނަން ދީފައިވާ އެ ފިލްމުގައި، 2006 ވަނަ އަހަރު ނެރުނު ހޮލީވުޑް ފެންޓަސީ ހަނގުރާމަމަތީ ފިލްމު، "300"އާ އެއްގޮތް ކަމެއް ހުންނާނެ ކަމަށެވެ.

"ސަރަގާހީގެ ހަނގުރާމައަށް ބިނާކޮށް ހޮލީވުޑްގެ ހަނގުރާމަތީ ފިލްމު 300 އިން އެއްގޮތް ކަންތައްތަކެއް ހިމަނައިގެން ނެރޭ ސަންސް އޮފް ސަރްދާރަށް ހެޔޮ އެދުން ބޭނުން،" އަޖޭ ކުރި ޓްވީޓުގައި ބުނެފައިވެ އެވެ.

"ސަން އޮފް ސަރުދާރު"ގެ ދެވަނަ ފިލްމު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނާނީ 1987 ވަނަ އަހަރު ކުރި ތާރީހީ ހަނގުރާމައެއް ކަމަށްވާ ސަރަގާހީގެ މައްޗަށެވެ. އަދި ފުރަތަމަ ފިލުމާ ތަފާތުކޮށް ދެ ވަނަ ފިލުމުގައި ކޮމެޑީ ބައެއް ނުހިމެނޭނެ އެވެ.

"ސަންސް އޮފް ސަރުދާރު" ގެ އިތުރު މައުލޫމާތެއް އަޖޭ ހިއްސާކޮށްފައި ނުވި ނަމަވެސް، އޭނާ ބުނެފައި ވަނީ ތިއޭޓަރުތަކަށް އެ ފިލްމު އަންނާނެ ކަމަށް ބެލެވެނީ 2017 ވަނަ އަހަރުގެ ފަހުކޮޅު ކަމަށެވެ. އަދި އެ ފިލްމުގެ ޝޫޓިން ފަށާނީ، އޭނާ މިހާރު ޑައިރެކްޓްކޮށް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ "ޝިވޭ" އަށްފަހު ކަމަށް ވެސް އަޖޭ ބުނެފައިވެ އެވެ.