14 Mar 2011, 09:15
ޕެރިސް : އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ އިސްވެރިއެއް ކަމަށްވާ މަޙްމޫދް ޖިބްރީލްއާ ޕެރިހުގައި ބައްދަލުކުރައްވައިފިއެވެ.
މިއީ އެމެރިކާގެ އިސް ވެރިއަކު، ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ އިސްވެރިއަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ދެބޭފުޅުންގެ މަޝްވަރާތައް ބިނާކުރެއްވީ ލީބިޔާގެ މިހާރުގެ ހާލަތާ ބެހޭގޮތުން ކަމަށް އިންތިޤާލީ މަޖިލީހުގެ ޚާރިޖީ ވިލަރެސްވެރިޔާ ޢަބްދުއްރަޙްމާން ޝަލްޤަމް ވިދާޅުވިއެވެ. ޔޫރަޕްގެ ބައެއް ޤައުމުތަކުގެ އިސްވެރިންވަނީ ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވާފައެވެ. އަދި ފަރަންސޭސިވިލާތުންވަނީ މި މަޖިލީހަކީ ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ ހަމައެކަނި ފަރާތް ކަމަށް ރަސްމީ ސިފައެއްގައި އިޢްތިރާފްވެފައެވެ.
ހިލަރީ ޔޫރަޕަށް ކުރައްވާ މިދަތުރުފުޅަކީ ގައްޒާފީ ވެރިކަމުގައި ދެމިހުންނެވުމަށްޓަކައި ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް އޭނާ ކުރިޔަށްގެންދަވާ ހަނގުރާމައާއި ލާއިންސާނީ ޢަމަލުތައް ހުއްޓުވޭނެގޮތްތަކާ ބެހޭގޮތުން ޔޫރަޕާއި ޢަރަބި ޚާރިޖީ ވަޒީރުންނާ މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމެރިކާގެ ޚާރިިޖިއްޔާއިން ބުނެއެވެ.
މިދަތުރުފުޅުގައި ޔޫރަޕަށްފަހު ހިލަރީ ދެންވަޑައިގަންނަވާނީ ބައެއް ޢަރަބި ޤައުމުތަކަށެވެ. މީގެތެރޭގައި މިސްރާއި އުރުދުން އަދި ސަޢޫދީ އަރަބިޔާ ހިމެނެއެވެ. -- ނޫސްއެޖެންސީތައް