20 Aug 2015, 00:57
ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޕީމް) އިން ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ އަމިއްލަ އިދާރާތަކާ ބެހޭ ގާނޫނުގެ ބިލެއް ޑްރާފްޓް ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކާ ހަވާލު ކޮށްފިއެވެ.
ޕީމް އިން ބުނީ، އެ ބިލަކީ ގާނޫނުއަސާސީގައި ދިވެހިރާއްޖޭގައި މަތީ ތައުލީމުދޭ އަމިއްލަ އިދާރާތައް ހިންގުމާއި އުފެއްދުމާއި އެ އިދާރާތަކުގެ މަސްއޫލިއްޔަތު ބަޔާން ކުރާ ގާނޫނެއް ކަމަށެވެ.
އެ ބިލްގައި ބަޔާން ކޮށްފައިވާ ގޮތުން ރަޖިސްޓްރީކޮށްގެން ނޫނީ ދިވެހިރާއްޖޭގައި މަތީ ތައުލީމުދޭ އަމިއްލަ އިދާރާއެއް ނުހިންގޭނެ އެވެ. އަދި އަމިއްލަ ތައުލީމު ފޯރުކޮށްދޭ ތަންތަނުގެ މަގްސަދަކަށް ވާންޖެހޭނީ ދިވެހިރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވާތީ ރާއްޖެ މުސްލިމު ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ސަގާފަތާއި އާދަތައް ދެމެހެއްޓުން ކަމަށްވެސް އެ ބިލްގައި ބަޔާންކޮށްފައި ވެއެވެ.
ޕީމް އިން ބުނީ، އެ ބިލުގެ ސަބަބުން އިހުތިޔާރު ލިބިދޭ ކަންތައްތަކުގެ ތެރޭގައި އެކެޑަމީގެ ޕާޓްނާޝިޕް އުފެއްދުމާއި އަގުދުތައް ތަރައްގީ ކުރުމާއި އުފެއްދުންތައް، ވިޔަފާރީގެ އުސޫލުން ތަރައްގީ ކުރުން ހިމެނޭ ކަމަށެވެ.
އެ ބިލުގެ ޑްރާފްޓް ހަވާލު ކުރުމަށްޓަކައި ސަލްސާ ރޯޔަލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، އެ ބިލާ ގުޅިގެން މިހާރު "ސީރިއަސް" ގޮތެއްގައި މަޝްވަރާތަައް ކުރަމުން އަންނަތާ އެއް އަހަރަށްވުރެ ވެސް ގިނަ ދުވަސް ވެއްޖެ ކަމަށެވެ.
ޕާލަމެންޓްރީ ގްރޫޕުގެ ގަވާއިދު އޮންނަ ގޮތުން ގްރޫޕުގެ މެމްބަރަކަށް މަޖިލީހަށް އެއްވެސް ބިލެއް ވެއްދޭނީ، ޕާލަމެންޓްރީ ގްރޫޕުގެ ހުރިހާ މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށް ނިހާން ވިދާޅުވިއެވެ. އެހެންކަމުން ޕާލަމެންޓް ގްރޫޕުގެ އެންމެ އަވަހަށް އޮތް ބައްދަލުވުމެއްގައި އެ ބިލާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.