20 Aug 2015, 12:18
ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާން އުޅޭ ފިލުމެއް ބޮކްސް އޮފީހުގައި މަގްބޫލުކަން ނުލިބުމަކީ މިހާރު ނާދިރު ކަމެކެވެ. އެކްޓު ކުރުމުގެ ހުނަރުގެ އިތުރުން ލަވައިގެ ދުނިޔޭގައި ވެސް ސަލްމާނަކީ މިހާރު ވަރުގަދަ އަޑެކެވެ. އޭނާ ވަނީ އޭނާގެ ލަވަތައް ވެސް ޗާޓުތަކުގެ އެއް ވަނާގައި ވާދަކުރެވޭނެ ކަން ފޭނުންނަށް ސާބިތުކޮށްދީފަ އެވެ.
ސޫރަޖް ޕަންޗޯލީ އާއި އަތިޔާ ޝެޓީ ބޮލީވުޑަށް ފުރަތަމަ ފެނިގެންދާ ފިލްމު، "ހީރޯ" އަށް ސަލްމާން ކިޔާދީފައިވާ ލަވަ "މައި ހޫން ހީރޯ ތެރޭ" ލަވަ، ޔޫޓިއުބުގައި ވަނީ 10 ދުވަހުގެ ތެރޭގައި ހަ މިލިއަނަށް ވުރެއް ގިނަ މީހުން ބަލާފަ އެވެ.
އިންޑިއާގެ މިއުޒިކް ކޮމްޕެނީ އެއް ކަމަށްވާ ޓީ-ސީީރީޒްގެ ޔޫޓިއުބް ޗެނަލްއަށް އެ ލަވަ ލާފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ.
ނަމަވެސް މިއީ ސަލްމާން ފިލުމަކަށް ލަވައެއް ކިޔައިދިން ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މިދިޔަ އަހަރު ނުކުތް ސަލްމާންގެ "ކިކް" އަށް އޭނާ ކިޔައިދިން "ހޭންގްއޯވާ" ލަވަ ފާހަގަކޮށްލަންޖެހެ އެވެ.
ފިލްމު "ހީރޯ" އަކީ 983 ވަނަ އަހަރު ސުބާޝް ގާއީ އުފެއްދި "ހީރޯ" ގެ ރީމޭކް އެކެވެ. އަދި މިއީ ސަލްމާން ހާން ފިލުމުގެ ދަށުން ސަލްމާނާއި ސުބާޝް ގާއީ ގުޅިގެން ޕްރޮޑިއުސް ކުރާ ފިލުމެކެވެ. ނިކިލް އަދުވާނީ ޑައިރެކްޓްކުރާ އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.
މައުލޫމާތު: އިންޑިއާ ޑޮޓް ކޮމް