ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުންގެ މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ހަވީރު 17:00 އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގްރާރް ދޫކުރުމާއި ބަލައިގަތުން އޮންނާނީ މެންބަރު ކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 3:00 އަށް އަދި 24 ވަނަ ދުވަހު 8:30 އިން 5:00 އަށް ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު ލަތީފް ގައުމީ ޔުނިވަސިޓީގެ ޗާންސެލާގެ މަގާމަށް ވަނީ ބަދަލުކުރައްވާފައި އެވެ. އަދި ހުސްވެފައިވާ އަނެއް ދެ މެމްބަރުންގެ މަގާމަށް އިއްޔެ ދެ ބޭފުޅަކު ވަނީ އައްޔަން ކުރައްވާފަ އެވެ. އެހެންކަމުން ސީއެސްސީއަށް އަދި އެއް މެމްބަރަކު އައްޔަން ކުރައްވަންޖެހެ އެވެ.

ސީއެސްސީގެ ހުސްވެފައިވާ ދެ މެމްބަރުކަމުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ އައްޔަންކުރެއްވީ ޑރ. އަލީ ޝަމީމާއި ޒަކަރިއްޔާ ހުސައިން އެވެ. ޑރ. ޝަމީމަކީ ކުރީގެ ހިއުމަން ރައިޓުސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.