ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ފެއާގެ ކެއްކުމުގެ މުބާރާތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުން ހޯދި ކާމިޔާބީ އަކީ ފަހުރުވެރި ކާމިޔާބީއެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މި މުބާރާތުން ވަނަތައް ހާސިލްކުރި ދަރިވަރުންނާއި މިއަދު ބައްދަލުކުރައްވައި މިނިސްޓަރު ވަނީ އެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަ ކުރައްވައި ތަހުނިޔާ ވިދާޅުވެފަ އެވެ.

މިދިޔަ ހޯމަ ދުވަހު ދަރުބާރު ގޭގައި ބޭއްވި ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ފެއާގެ ކެއްކުމުގެ މުބާރާތުން ވަނަތައް ހާސިލްކުރި ގައުމީ ޔުނިވަސިޓީގެ ދަރިވަރުންނާ ބައްދަކުރައްވައި ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، އެފަދަ ފެއާއެއްގައި ބައިވެރިވެ ޔުނިވަސިޓީގެ ދަރިވަރުން ހޯދި ކާމިޔާބީ އަކީ ފަހުރުވެރި ކާމިޔާބީއެއް ކަމަށާއި މި ކަމުން ދޭހަވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި ޒުވާނުންނަށް ކާމިޔާބު ބަޔަކަށް ވެވިދާނެކަން ކަމަށެވެ.

އެ މުބާރާތުގެ އެކި ކެޓަގަރީތަކުގައި އެފްއެޗްޓީއެސްގެ ނުވަ ދަރިވަރަކު ބައިވެރިވެފައިވާ އިރު އޭގެ ތެރެއިން އެއް ދަރިވަރަކު ރަން މެޑަލް އަދި ހަތަރު ދަރިވަރަކު ވަނީ ބްރޮންޒް މެޑަލް ހޯދައިފަ އެވެ.

އެގޮތުން ކެއްކުމުގެ މުބާރާތުގައި ވާދަކޮށް އެފްއެޗްޓީއެސްގެ ދަރިވަރު އާމިނަތު މައިޝާ ވަނީ އެ މުބާރާތުގެ "ޗިކަން- ހޮޓް ކުކިން" ކެޓަގަރީ ރަން މެޑަލް ހޯދާފަ އެވެ. އަދި އެ މުބާރާތުގެ އެކި ކެޓަގަރީތަކުގައި ވާދަކޮށް ހަތަރު ދަރިވަރަކު ބްރޮންޒް މެޑަލް ހޯދާފައިވެ އެވެ. އެއީ މަރިޔަމް ރަޝްފާ، ޒާރާ އަބްދުލް އަޒީޒް، އާއިޝަތު އުލްފާ އަދި އަހުމަދު މާހިދު މުހައްމަދެވެ.

"ފަތުރުވެރިކަމުގެ ސިނާއަތަކީ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ޒުވާނުންނަށް ފުރުސަތުތަށް ފަހި ސިނާއަތެއް. މިއަދު ތިޔަ ދަރިވަރުން ހޯދި ކާމިޔާބީން ވެސް އެކަން ހާމަވޭ." މިނިސްޓަރު ވިދާޅުވި އެވެ.

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ފެއާގެ ކެއްކުމުގެ މުބާރާތުން ވަނަތައް ހާސިލްކުރި ދަރިވަރުންނާ އެޑިއުކޭޝަން މިނިސްޓަރު ބައްދަލުކުރެއްވުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު މަސައްކަތް ކުރާ އަންހެން ކުދިންގެ އަދަދު ގިނަ ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި އަންހެން ކުދިން މަސައްކަތްކުރުމާ މެދު ދިވެހީން މީގެ ކުރިން ގެންގުޅުނު ވިސްނުން މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން އުފެއްދުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ.

"ދަސްވާރު ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމުގެ ސިނާއަތުގައި ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް އަންނަނީ ތަމްރީނު ވަމުން. އަޅުގަނޑު ފާހަގަކޮށްލަން މި ޕްރޮގްރާމްގައި ބައިވެރިވާ އެންމެ ގިނަ ދަރިވަރުން ޝައުގުވެރިކަން ހުންނަނީ މި ސިނާއަތަށް ކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް ފެއާއިން ވަނަތައް ހާސިލްކުރި ފަސް ދަރިވަރުންނަކީ އެފްއެޗްޓީއެސްގައި ޑިޕްލޮމާ އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް އަދި ކަލިނަރީ އިން ސެޓްފިކެޓް ތިނެއް ކިޔަވަމުންދާ ދަރިވަރުންތަކެކެވެ.