19 Aug 2015, 20:39
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ޖަލުތަކާ ގުޅިގެން މިއަހަރު ބޭއްވި ގައިދީންގެ ހުނަރުވެރިކަމުގެ މައުރަޒުގެ ލަކީޑްރޯއިން ހޮވުނު ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.
މިދިޔަ އޭޕްރިލް މަހުގެ 16 އިން 18 އަށް ނެޝަނަލް އާޓް ގެލެރީގައި ބޭއްވި އެ މައުރަޒަށް ޒިޔާރަތްކުރި މީހުންގެ މެދުގައި ކޮންމެ ދުވަހަކު ނެގި ލަކީޑްރޯ އިން ހޮވުނު ތިން ނަސީބުވެރިންނަށް އިނާމު ވައުޗަރު ހަވާލުކޮށްދެއްވާފައިވަނީ، ކަރެކްޝަނަލް ސާވިސްގެ ހެޑްއޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސާވިސްގެ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހީމް މުހައްމަދު ދީދީ އެވެ.

އިންމޭޓްސް ކްރިއޭޓިވިޓީ އެގްޒިބިޝަންގެ ނަސީބުވެރިންނަށް ވައުޗަރު ޙަވާލުކޮށްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކަރެކްޝަން ސާވިސް
އެގޮތުން، ފުރަތަމަ ދުވަހުގެ ނަސީބުވެރިއަކަށް އަމިއްލަ ފަރާތަކުން ހަދިޔާކޮށްފައިވާ ކޮލަމްބޯ ދެކޮޅު ޓިކެޓުގެ ލިބުނީ ލަޔާލް ޒާހިދަށެވެ. ދެވަނަ ދުވަހުގެ ނަސީބުވެރިޔާއަށް ޑީޕީއާރުއެސް ކޯޕަރޭޓިވް ސޮސައިޓީން ހަދިޔާކުރި ކޮލަންބޯ ދެކޮޅު ޓިކެޓު ލިބުނީ، ފަރަހު ދީބާ ރަޝީދަށެވެ. އަދި ޓާކިޝް އެއާލައިންގެ ފަރާތުން ސްޕޮންސަރު ކޮށްދެއްވާފައިވާ ކޮލަންބޯ ދެކޮޅު ޓިކެޓް ލިބިފައިވަނީ އަޝާ ޝާފިއު އަށެވެ.

އިންމޭޓްސް ކްރިއޭޓިވިޓީ އެގްޒިބިޝަންގެ ނަސީބުވެރިންނަށް ވައުޗަރު ޙަވާލުކޮށްދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކަރެކްޝަން ސާވިސް
އިންމޭޓްސް ކްރިއޭޓިވިޓީ އެގްޒިބިޝަން އަކީ، ގައިދީންގެ މަސައްކަތުގެ ހުނަރު އާންމުންނަށް ދައްކާލުމަށް 2009 އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މައުރަޒެކެވެ. އެގޮތުން، މިއަހަރުގެ މައުރަޒުގައި އެއް އަހަރުތެރޭގައި ގައިދީން ހެދި ޖުމްލަ 830 އައިޓަމް ދައްކާލާފައިވެ އެވެ.