19 Aug 2015, 18:49
ސޯލާ ހަކަތައިން މުޅި އެއާޕޯޓް ހިންގާ ދުނިޔޭގެ ފުރަތަމަ އެއާޕޯޓަކަށް އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓް (ސީއައިއޭ) ހަދައިފި އެވެ.
އިންޑިއާގެ ކެރެލާގައި އޮންނަ، ސީއައިއޭ އަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް ހެދި، ސޯލާ ޕަވާ ޕްލާންޓް ހުޅުއްވައިދެއްވީ އިއްޔެ އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ކެރެލާގެ ޗީފް މިނިސްޓަރު އޫމެން ޗެންޑީ އެވެ.
ސީއައިއޭ އިން ބުނިގޮތުގައި، މުޅި އެއާޕޯޓް ސޯލާ ހަކަތައިން ހިންގުމަށްޓަކައި 45 އޭކަރުގެ ބިމެއްގައި 46،150 ސޯލާ ޕެނަލް ބޭނުންކުރާނެ އެވެ. އަދި މަޝްހޫރު އިންޖިނިއަރިން ކުންފުނި، ބޯޝް ބްރޭންޑުގެ 12 މެގަވޯލްޓުގެ އެ ސޯލާ ޕެނަލްތަކުން ކޮންމެ ދުވަހަކަށް 50،000 އާއި 60،000 ދެމެދުގެ އަދަދަކަށް ކަރަންޓް އުފައްދާނެ ކަމަށް އެ އެއާޕޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"މިފެށުނު ގްރީން ޕަވާ ޕްރޮޖެކްޓުން ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި ކޯލް އަންދައިގެން ބޭރުވާ ކާބަން ޑައިއޮކްސައިޑްގެ މިންވަރު 300،000 މެޓްރިކް ޓަނު ސަލާމަތް ކުރެވޭނެ. އެއީ ގާތްގަނޑަކަށް ތިން މިލިއަން ގަސް އިންދުމާ އެއްފަދަ ކަމެއް،" ސީއައިއޭ އިން ނެރެނު ބަޔާނުގައި ބުނެފައިވެއެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަދި މުމްބާއީގެ އެއާޕޯޓަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި މިހާރުވެސް 2.1 މެގަވޮޓުގެ ސޯލާ ޕްލާންޓަކާއި ފުރާޅުގައި 650 ކިލޯވޮޓުގެ ސޯލާ ޕްލާންޓެއް ބޭނުންކުރެއެވެ.
މައުލޫމާތު: ދަ ނިއު އިންޑިއަން އެކްސްޕްރެސް، އިކޮނޮމިކްސް ޓައިމްސް އަދި އިންޑިއާގެ ބައެއް ނޫސްތައް