19 Aug 2015, 18:26
ނުނިންމައި ހުރި ގިނަ ދުވަސްވީ މައްސަލަތައް އެއްމަސް ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައިކޯޓުން ބުނެފި އެވެ.
ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސުޕްރީމް ކޯޓުގެ ސިޓީން އަންގާފައިވާ ގޮތަށް ނުންމައި ހުރި ގިނަ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމަން އެ ކޯޓުން މަސައްކަތް ފަށާފައިވާ ކަމަށެވެ.
"މި ގޮތުން، ހައިކޯޓަށް ހުށަހެޅި، ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތަށް އަވަހަށް ނިންމުމަށް ޓާގެޓެއް ކަނޑައަޅައި އެ ހައިކޯޓުގެ ފަނޑިޔާރުން މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ،" ހައިކޯޓުގެ ބަޔާނުގައި ވެއެވެ.
ސުޕްރީމް ކޯޓުން މިމަހުގެ 12 ދުވަހު ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ފޮނުވި އާންމު ސިޓީގައި ނުނިންމައި ގިނަދުވަސް ވެފައިވާ މައްސަލަތައް އެއްމަސް ދުވަހުގެ ތެރޭގައި ނިންމޭނެފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ އަންގާފައެވެ. އަދި އެކަމަށް މަގުފަހިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.
ހައިކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރޭގައި މަރުގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ އިތުރުން މަދަނީ ބައެއް ބޮޑު މައްސަލަތައްވެސް ހިމެނެއެވެ.