އަންހެނަކާ ދިމާލަށް ހުތުރު އެއްޗެހި ގޮވި ކަމުގެ ތުހުމަތުގައި އިންޑިއާގައި ގުރައެއް ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓުގައި އޮންނަ ރަޖޫރާ ޓައުނުގެ ފުލުހުންނަށް މައްސަލަ ހުށަހެޅި 85 އަހަރުގެ ޖަނަބައި ސަކާކަރު ބުނިގޮތުގައި، އެ ގުރާ އޭނާއަށް ހުތުރު އެއްޗެހި ގޮވާތާ މިހާރު ދެ އަހަރު ވެއްޖެއެވެ. ގުރާ އިންނަ ގޭ ކުރިމަތިން ހުރަސްކުރާ ކޮންމެ ފަހަރަކު އޭތި އޭނާއާ ދިމާލަށް ހުތުރު އެއްޗެހި ގޮވާ ކަމަށް އޭނާ ބުންޏެވެ.

ޖަނަބައި ތުހުމަތުކުރާ ގޮތުގައި، ހަރިޔަލް ނަމަކަށް ކިޔާ ވާހަކަދެއްކުމުގެ ކުޅަދާނަކަން ލިބިފައިވާ އިންޑިއަން ރިންގްނެކް އެ ގުރައަކީ އޭނާއާ ދިމާލަށް ހުތުރު އެއްޗެހި ގޮވުމަށް އޭނާގެ ދޮންދަރި، ސުރޭޝް ތަމްރީން ކޮށްފައިވާ ގުރައެކެވެ.

"އަހަންނަށް އޭތި އުދަނގޫކުރާތާ މިހާރު ދެ އަހަރުވެއްޖެ. އަހަރެން ފެންނަ އިރަށް ހުތުރު ބަހުން އެއްޗެހިގޮވަން ފަށާ. ދެ އަހަރުތެރޭ ތިން ފަހަރަށް އެ މައްސަލަ ފުލުހުންނަށް ހުށަހެޅިން. މި މައްސަލަ ފުލުހުން ތަހުގީގުކޮށް ގުރާ ހައްޔަރުކުރަންޖެހޭ،" ޖަނަބައި ޒީ ނިއުސް އަށް ބުންޏެވެ.

ބިމުގެ މައްސަލައެއްގައި މޫނު ކެނޑިފައިތިބި ޖަނަބައިއާ އޭނާގެ ދޮންދަރި އުޅެމުންދަނީ ދެ ގެއެއްގައެވެ. އަދި ގުރާގެ މައްސަލައިގައި ޖަނަބައި ވަނީ އޭނާގެ ދޮންދަރީއާ ދެކޮޅަށް ވެސް މައްސަލަ ހުށަހަޅައިފައެވެ.

މައްސަލައާ ގުޅިގެން ފުލުހުން ވަނީ ގުރައާއެކު ޖަނަބައިއާ އޭނާގެ ދޮންދަރި ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. ނަމަވެސް ފުލުސް އޮފީހަށް ހާޒިރުކުރުމުން ގުރާ ވަނީ ފުލުހުންގެ ކުރިމަތީގައި ހަނު ހުރެފައެވެ. ޖަނަބައި ކުރިމައްޗަށް ގެނައުމުން ވެސް ކަންތައްކުރީ އެހެންނެވެ.

"އަހަރެމެން ގުރައަށް ވަރަށް ސަމާލުކަމާއެކު ބެލިން. ނަމަވެސް ފުލުސް އޮފީހަށް އެގުރާ ގެނައުމުން އެންމެ ބަހެއްވެސް ނުބުނޭ،" ލޯކަލް ޕޮލިސް އިންސްޕެކްޓަރު ވިދާޅުވި އެވެ.

އެފަދަ މައްސަލަތަކާ ގުޅިގެން ގުރައެއް ޖަލަށް ލުމުގެ ގާނޫނެއް ނެތުމުން ފުލުހުން ވަނީ އެ ގުރާ ފޮރެސްޓް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.