ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު އޭޑީކޭ އިން ފަރުވާ ދީފި އެވެ.

މިއަދު 3:30 އެހާކަންހާއިރު ރައީސް ނަޝީދަށް އޭޑީކޭ އިން ފަރުވާދިނުމަށް ފަހު މިހާރުވަނީ ގެއަށް ގެންގޮސްފަ އެވެ.

ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު ހަސަން ލަތީފު ވިދާޅުވީ ރައީސް ނަޝީދަށް އޭޑީކޭއިން މިއަދު ފަރުވާ ދީފައިވާ ކަމަށާއި ނަމަވެސް ފަރުވާ ހޯދާފައިވަނީ ކޮން ބައްކަށްކަން ނޭނގޭ ކަމަށެެވެ.

ރައީސް ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ގެއަށް ބަދަލުކޮށްފައި ވަނީ ސިއްހީ ކަމަކާ ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ.

ޓެރަރިޒަމްގެ ކުށުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިސްތިއުނާފުކޮށްފަ އެވެ.