19 Aug 2015, 16:54
ކްރިމިނަލް ކޯޓުގެ ފާޚާނާއިން ފިލަން އުޅުނު މީހަކު ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ގާޒީގެ ކުރިފުޅުމައްޗަށް ގެންދިއުމުން މާފަށް އެދުމުން ސަލާމަތް ވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފާޚާނާއިން ފިލަން އުޅުނު އެމީހާ އަކީ ކުށެއްގެ ތުހުމަތުގައި ބަންދާ މެދު ގޮތެއް ނިންމަން މިއަދު މެންދުރު ކޯޓަށް ހާޒިރުކުރި މީހެކެވެ.
އެވަގުތު ކްރިމިނަލް ކޯޓުގައި އިން މީހަކު 'ސަން' އަށް ކިޔައިދިން ގޮތުގައި އެމީހާ ފާޚާނާއަށް ދާން އެދުމުން ފުލުހުން ފުރަތަމަ ދެކޮޅު ހެދީއެވެ. އޭގެ ފަހުން ފުލުހުންގެ ހުއްދައާ އެކު ފާޚާނާއަށްގޮސް ފާޚާނަ ތަށިމައްޗަށް އަރައި، އެކްހޯސްޓް ނައްޓުވާލައިގެން ފިލަން އުޅެނިކޮށް ފުލުހުން ވަދެ އެމީހާ ގެންދިޔައީ ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ސަންއާ މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.
ފާޚާނާއިން އޭނާ ނެރުމުން ފުލުހުންނާ ހަޑި ހުތުރު ބަހުން މުއާމަލާތްކުރި ކަމަށްވެސް ކޯޓުގައި އެވަގުތު ތިބި ބައެއް މީހުން ބުންޏެވެ.
ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ގާޒީގެ ކުރިފުޅުމައްޗަށް ގެންދިއުމުން އޭނާ ވަނީ ގާޒީގެ އަރިހުން މާފަށް އެދިފަ އެވެ. އަދި ގާޒީ ވަނީ އޭނާއަށް މާފު ދީފަ އެވެ.
ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ހިންގައިފި ނަމަ ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ގާޒީންނަށް ލިބިގެންވެ އެވެ. ކޯޓުތަކުގެ ގާނޫނުގެ ދަށުން ކޯޓުގެ ހުރުމަތް ކަނޑައިގެން ދެވޭ އެންމެ ބޮޑު އަދަބަކީ 15 ދުވަހަށް ޖަލަށް ލުމެވެ. އަދި 30 ދުވަހަށް ގޭގައި ބަންދު ކުރުން ނުވަތަ 1000 ރުފިޔާއިން ޖޫރިމަނާ ކުރުންވެސް އަދަބުތަކުގެ ތެރޭގައި ހިމެނެ އެވެ.