13 Mar 2011, 23:51
އިޓަލީއާއެކު ރާއްޖެއިންވީ އެއްބަސްވުމުގެ ދަށުން ބޯންމެރޯ ޓްރާސްޕްލާންޓްގެ ހަދަން އިޓަލީއަށް ފޮނުވާ ކުދިންގެ ތެރެއިން ދެވަނަ ކުއްޖަކު އިޓަލީއަށް ހިނގައްޖެ އެވެ.
މާލެ ހެލްތު ސާވިސަސް ކޯޕަރޭޝަން ލިމިޓެޑު )އެމްއެޗްއެސްސީ( އިން ބުނީ އިޓަލީގައި ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމުގެ ފުރުސަތު ދިން ދެވަނަ ކުއްޖާ ފުރީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.
އަދި ބުނީ އެ ކުއްޖާއާ އެކު ހަތަރު މީހަކު އިޓަލީއަށް ދިޔަ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ތެލަސީމިޔާ ޕޭޝަންޓާއި، ޑޯނާ އަދި ފޭޝަންޓުގެ މައިންބަފައިން ކަމަށެވެ. މި ފަރާތްތަކުގެ ދެކޮޅު ޓިކެޓު ދިނީ ބޭންކް އޮފް މޯލްޑިވްސް އިން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
އިޓަލީއާ ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތެލަސީމިޔާ ބަލީގެ 10 ކުއްޖަކަށް އިޓަލީގައި ބޯންމެރޯ ހެދުމުގެ ފުރުސަތު ވަނީ ތަނަވަސްވެފަ އެވެ.