ގިނަ ސެޝަންތަކާއި ކާމިޔާބު ބައްދަލުވުންތަކަކަށް ފަހު، ކުނި މެނޭޖު ކުރުމާ ބެހޭ ގޮތުން ބޭއްވި ހަވަނަ ރީޖަނަލް "ތުރީ އާރު ފޯރަމް" ނިންމާލައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުރިއަށް ގެންދިޔަ އެ ފޯރަމްގައި ޖުމްލަ ތިން ސެޝަނެއް ވަނީ ފުރަތަމަ ދުވަހު ކުރިއަށް ގެންގޮސްފައެވެ. އަދި އިއްޔެ ހަ ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު މިއަދު ވަނީ ދެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގައި ކުނި މެނޭޖް ކުރުމާ ބެހޭ ގޮތުން ބާއްވަ އެންމެ ބޮޑު ފޯރަމް 3 އާރް (ރިޑިއުސް، ރިޔޫޒް، ރިސައިކަލް) ތިން ދުވަހަށް ކުރިއަށް ގެންގޮސްފައިވަނީ ދަރުބާރުގޭގައެވެ.

ހޯމަ ދުވަހު ރަސްމީކޮށް އެ ފޯރަމް ފެށި އިރު އާދިއްތަ ދުވަހު ވަނީ ގައުމީ 3 އާރު ދުވަހެއް ބާއްވާ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.

މިއަދު ނިމުނު ފޯރަމްގައި ދުނިޔޭގެ 33 ގައުމަކުން ވަނީ ބައިވެރިވެފަ އެވެ.

އެ ފޯރަމްގައި ސަރުކާރުތަކުގެ ފަރާތުން 141 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި އަށް މިނިސްޓަރުންނާއި ހަތަރު ސްޓޭޓް މިނިސްޓަރުންނާއި މޭޔަރަކާއި ގަވާނާއެއް ހިމެނިވަޑައިގަންނަވާފައިވެއެވެ. ގައުމުތަކުގެ ސަރުކާރުތައް ތަމްސީލު ކުރައްވާ ބޭފުޅުންގެ އިތުރުން އެކި އެކި ޖަމާއަތްތައް ތަމްސީލުކުރައްވާ 111 ބޭފުޅުންނާ އެކު ޖުމްލަ 250 ބޭފުޅުން އެ ފޯރަމްގައި ބައިވެރިވަޑައިންނެވި އެވެ.

ހަވަނަ ރީޖަނަލް 3 އާރު ފޯރަމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ފޯރަމް ނިންމެވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓްރަރު ތާރިގު އިބްރާހިމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ފޯރަމްގައި ކުނި މެނޭޖު ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެ ފޯރަމް އަކީ ކާމިޔާބު ފޯރަމް އެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރަހައްދީ "ތުރީ އާރް" ފޯރަމަކީ ޔުނައިޓެޑް ނޭޝަންސް ސެންޓަ ފޯ ރީޖަނަލް ޑިވެލޮޕްމެންޓް (ޔޫއެންސީއާރްޑީ) އާއި ޖަޕާނު ސަރުކާރު ގުޅިގެން އިންތިޒާމްކުރާ ފޯރަމެކެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޯރަމެކެވެ.