ކޮލަމްބޯ އިން: މުހައްމަދު ސިމާއު

ސްރީ ލަންކާގެ ކޮލަމްބޯގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަންގެ އިމާރާތް މަރާމާތުކުރުމަށް 8.3 މިލިއަން ދިވެހި ރުފިޔާ އަށް ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ދިވެހި ހައި ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ހައި ކޮމިޝަންގެ އިމާރާތް، ފެހިގެ މަރާމާތު ކުރުމަށް ހަވާލުކޮށްފައި ވަނީ ސްރީލަންކާގެ ނަވަލޯކާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

ދިވެހި ހައިކޮމިޝަނުން ބުނި ގޮތުގައި ބިޑަށް ހުޅުވާލައިގެން ކުރިއަށްގެން ދިޔަ އެ މަޝްރޫއަކީ ރާއްޖޭގެ ހައުސިން މިނިސްޓްރީ މެދުވެރިކޮށް ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި އެ މަސައްކަތަށް ޖުމްލަ 8.3 މިލިއަން ދިވެހި ރުފިޔާގެ ހަރަދުވާ އިރު، އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ ހަތަރު މަސް ދުވަހުގެ ތެރޭގަ އެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޒާހިޔާ ޒަރީރެވެ. ނަވަލޯކާ ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަރްޝިތް ދަރްމަދާސަ އެވެ.