އަންނަ އަހަރުގެ ތުރީ އާރު ފޯރަމް އޮސްޓްރޭލިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އެޑެލައިޑްގައި ބޭއްވުމަށް ނިންމާފައިވާތީ، ރާއްޖެއިން ބެލެހެއްޓި ތުރީއާރް ފޯރަމްގެ ރިޔާސަތު އޮސްޓްރޭލިއާއާ ހަވާލުކޮށްފި އެވެ.

މާލޭގައި ކުރިއަށްދިޔަ ހަވަނަ ރީޖަނަލް ތުރީ އާރު ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ބެލެހެއްޓި ތުރީއާރުގެ ރިޔާސަތު އޮސްޓްރޭލިއާ ހަވާލު ކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ.

ތުރީ އާރު ފޯރުގައި އޮސްޓްރޭލިއާ ތަމްސީލު ކުރެއްވި ބޭފުޅެއް ކަމަށްވާ ވޯޣަން ލެވިޓްސް ވިދާޅުވީ ރާއްޖޭގައި ކުރިއަށް ގެންދިޔަ ފޯރަމަކީ ވަރަށް ފުރިހަމަ ފޯރަމެއް ކަމަށާއި ހިދުމަތްތައް ރަނގަޅަށް ފޯރު ކޮށްދިން ކަމަށެވެ.

ރާއްޖޭގައި ބޭއްވި ފޯރަމާ އެއް ފެންވަރަށް ނުވަތަ އެއަށްވުރެ ރަނގަޅަށް އޮސްޓްރޭލިއާގައި އަންނަ އަހަރުގެ ފޯރަމް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަ ވަނަ ރީޖަނަލް ތުރީ އާރު ފޯރަމް ނިންމުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިޕީއެލްއޭ ގްލޯބަލް ފޯރަމެއް މިއަހަރު ބޭއްވުމަށް ނިންމާފައިވެ އެވެ.

މި އަހަރުގެ އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ފޯރަމް ކުރިއަށް ދާނީ ރަޝިއާގެ މޮސްކޯގަ އެވެ. ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓަރު ބައިވެރިވެ ވަޑައިންނެވުމަށް ދައުވަތު އަރުވާފައިވާ އެ ފޯރަމް ލޯންޗު ކުރައްވާފައި ވަނީ އިންޓަނޭޝަނަލް ސެންޓާ ފޯ ބެސް އެވެއިލެބަލް ޓެކްނޮލޮޖީސްގެ ޑިރެކްޓަރު ލާޑިމީރު މެރްޔެވް އެވެ.