މާލޭގެ މިސްކިތްތައް ސިޓީ ކައުންސިލުން ބެލެހެއްޓިއިރު ފެން ބިލަށް ނުދައްކާ ހުރި 7.5 މިލިއަން ރުފިޔާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު އެބަ އޮތް ކަމަށް ފެނުގެ ހިދުމަތް ދޭ، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ މިސްކިތްތަކަކީ ފެންކަނޑާލާފައި ބެހެއްޓޭނެ ތަންތަން ކަމަށްވުމާއި އެ ކުންފުއްޏަކީ ސަރުކާރުގެ ކުންފުއްޏަކަށް ވުމުން ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެސް ފެން ބިލްތަކަށް އަރާފައިވާ 7.5 މިލިއަން ރުފިޔާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އާންމު ރައްޔިތުންނަށް ވެސް ގޭބިސީތަކަށް ފުރުސަތުތަކެއް އެބަދެން ހަގީގަތުގައި ލުއިގޮތަކަށް ޕޭމަންޓުތައް ބަހާލައިގެން އެކަން ކުރިއަށް ގެންދިއުމަށް، އެހެންވީމަ އިސްލާމިކް މިނިސްޓުރީއާއެކު ވެސް އެ މަޝްވަރާތައް ކުރިއަށް އެބަގެންދެވޭ،" ފަޒުލް ވިދާޅުވި އެވެ.

ބިލްތައް ދައްކާނީ ކިހާ މުއްދަތަކަށް ބަހާލައިގެން ކަމަށް އަދި ނުނިންމާ ކަމަށާއި މިހާރު ކުރިއަށް ދަނީ މަޝްވަރާތައް ކަމަށާއި މަސައްކަތްކުރަނީ އެދެވޭ ހައްލަކަށް ކަމަށް ފަޒުލް ވިދާޅުވިއެވެ.

އެ ވަރަށް ފެންބިލްތައް އަރައިގެން ދިޔައިރު ސިޓީ ކައުންސިލުން އެމްޑަބްލިޔްއެސްސީ އާއި މަޝްވަރާކޮށްފައެއް ނެތް ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

މިސްކިތްތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރިއިރު އެ ވާހަކަ ސިޓީ ކައުންސިލުން ނުބުނާ ކަމަށާއި އެ ފައިސާ ނުދައްކާކަން އެ މިނިސްޓުރީއަށް އެނގުނީ ފެން ކުންފުނި އެމްޑަބްލިޔްއެސްސީން އެކަން ހުށައެޅުމުން ކަމަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މާލޭގެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބް ވިދާޅުވީ މިސްކިތްތަކުގެ ބިލް ނުދައްކާ ކަމަށް އެއްޗެއް ބުނަން އެނގޭނީ ބަލާލާފައި ކަމަށާއި ފައިސާ ނުދައްކާނަމަ ނުދައްކާ އޮންނާނީ ސަރުކާރުން ފައިސާ ނުދޭތީ ކަމަށެވެ.

މާލޭގެ މިސްކިތްތައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އިސްލާމިކް މިނިސްޓުރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައި ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެއާއެކު އިސްލާމިކް މިނިސްޓުރީން ވަނީ މިސްކިތްތައް މަރާމާތު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށަން ނިންމާފަ އެވެ.

ޑެޕިއުޓީ މިނިސްޓަރު ޝެއިހް އިބްރާހިމް ވިދާޅުވީ އެ ބިލްތައް ނުދައްކާ އޮތުމުގެ ސަބަބުން މިސްކިތްތައް މަރާމާތުގެ މަސައްކަތް މަޑުޖެހި މިހާރު މަޝްވަރާ ކުރެވިގެން ދަނީ އެ ބިލަށް ފައިސާ ދައްކަން ހަދާނެ ގޮތަކާއިމެދު ކަމަށެވެ.