13 Mar 2011, 23:02
އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅޭ ދެވަނަ މެޗު ކުޅުމަށް ރޭ ވިއެޓްނާމަށް ފުރައިފި އެވެ.
ބުދަ ދުވަހު ހަވީރު ވިއެޓްނާމްގެ ހެނޯއީ ޓީ އެން ޓީ އާއި ދެކޮޅަށް ކުޅެން ޖެހޭ މިމެޗަށް ޓީމު ފުރިއިރު ފުރަތަމަ މެޗުގައި އެޓީމު ވަނީ ފުރަތަމަ މެޗުގައި ސިންގަޕޯރގެ ޓެމްޕައިންސް ރޯވާޒް އަތުން 3-1 ލަނޑުން ބަލިވެފައެވެ. މިމެޗުގައި ވިކްޓަރީގެ ފަރާތުން ފެނުނީވެސް ވަރަށް އާދައިގެ ކުޅުމެކެވެ.
ވިކްޓަރީ ފުރަތަމަ މެޗުން ބަލިވި ނަތީޖާއަށްވުރެ ތަފާތު ބޮޑު ނަތީޖާއަކުން ހެނޯއީ ވަނީ ބަލިވެފައެވެ. ތައިލެންޑްގެ މުއަތޮންގ ޔުނައިޓެޑް އަތުން އެޓީމު ބަލިވީ 4-0 ލަނޑުންނެވެ.
މިދަތުރުގައި ވިކްޓަރީގެ މުހިއްމު 3 ކުޅުންތެރިއަކު ބައިވެރިއެއް ނުވެއެވެ. އެއީ އަނިޔާގެ ސަބަބުން އަޙްމަދު އަޝްފާނާއި ނައިޖީރިއާގެ ފޯވަޑްގެ އިތުރުން ގާނާގެ ޑިފެންޑަރެވެ. މިދެ ކުޅުންތެރިންގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.
ވިކްޓަރީ ރަށުން ބޭރުގައި ކުޅޭއިރު ވީބީ އަމިއްލަ ގައުމުގައި ކުޅޭނީ ވިއެޓްނާމްގެ ސޮންގލަމް އާއި ދެކޮޅަށެވެ. މިމެޗު އޮންނާނީ އަންނަ އަންގާެރަ ދުވަހު ގަލޮޅު ދަނޑުގައެވެ. ވީބީ ވަނީ ފުރަތަމަ މެޗުގައި އިންޑޮނޭޝިއާގެ ސްރީވިޖަޔާއާއި ދެކޮޅަށް ކުޅެ 1-1ން އެއްވަރުކޮށްފައެވެ. އަންގާރަ ދުވަހު ވީބީ އާއި ދެކޮޅަށް ނުކުންނަ ޓީމު ވަނީ 2-1 ލަނޑުން ހޮންކޮންގ ޓީމު އަތުން ބަލިވެފައެވެ.