ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެޓޮލްސް މިނިސްޓަރުކަން ގިނަ ދުވަސްތަކެއްވަންދެން ކުރެއްވި އަބްދުﷲ ހަމީދު އަވަހާރަ ވުމާ އެކު އެމަނިކުފާނުގެ ހަދާނުގައި ހާއްސަ ތިން ފޮތެއް ނެރުމަށް ދިވެހި ބަހުގެ އެކަޑެމީއިން ނިންމައިފި އެވެ.

އަބްދުﷲ ހަމީދަކީ ދިވެހި ބަހާއިތާރީހަށް ހިދުމަތްކުރާ މަރުކަޒުގެ އިސްވެރިއެއްގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާ ބޭފުޅެކެވެ. އެދުވަސްވަރު ދިވެހި ނާދީގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި ދިވެހި ބަހާއި ތާރީހާއި ޝަގާފަތް ފެތުރުމަށް މަސައްކަތް ކުރެއްވި އެވެ.

ދިވެހިބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ މިއަދު ސަން އަށް ވިދާޅުވީ އަބްދުﷲ ހަމީދަކީ ދިވެހި ބަހާއި ސަގާފަތަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށް ވުމުން އެމަނިކުފާނުގެ ހަދާނުގައި މިމަހު ނެރޭ ފަތްތޫރަ އެމަނިކުފާނަށް ހާއްސަކޮށް "ކަޅު ފަތްތޫރައެއް" ނެރުމަށް ނިންމާފައިވާ އިރު އަބްދުﷲ ހަމީދުގެ ނަމުގައި ހާއްސަ ޅެން ފޮތެއް ވެސް ނެރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ދިވެހި ބަހަށް ކުރެއްވި ހިދުމަތް އެއްފޮތަކުން ފެންނާނެގޮތަށް ހާއްސަ ފޮތެއް ނެރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ތިން ފޮތެއް ނެރުމުގެ މަސައްކަތެއް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ނިންމައި އެމަސައްކަތް އިރާދަކުރެވިއްޔާ ލަސްނުކޮށް ފަށާގޮތަށް ހަމަޖެހިފައި މިވަނީ." އަޝްރަފް ވިދާޅުވި އެވެ.

އެތިން ފޮތް ނެރުމުގެ އިތުރުން ދިވެހިބަހުގެ އެކަޑެމީިއިން އެމަނިކުފާނުގެ ޒިކުރާއާކުރުމަށް ހާއްސަ ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ނިންމައި އެމަސައްކަތް ކުރަމުންދާއިރު އެކަޑެމީގެ ވެބްސައިޓުން އޮންލައިންކޮށް އެދަފްތަރުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަޝްރަފް ވިދާޅުވި އެވެ.