19 Aug 2015, 15:00
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާއި ޗައިނާ، އަންނަ މަހު 8 ވަނަ ދުވަހު ރާއްޖޭގައި ކުޅެން ހަމަޖެހިފައިވާ މެޗު، ޗައިނާގައި ކުޅޭގޮތަށް ހަމަޖެއްޖެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް މިއަދު ސަންއަށް ވިދާޅުވީ، އަންނަ މަހު 8 ގައި ރާއްޖޭގައި ކުޅެން ހަމަޖެހިފައިވާ މެޗު ޗައިނާގައި ކުޅެން ހަމަޖެހިފައި ވާކަމަށާއި އެކަމާ ގުޅިގެން ނިންމަންޖެހޭ ރަސްމީ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
"ކަމާގުޅޭ އިދާރާތަކުން އެފްއޭއެމަށް ވަނީ މިހާރު އެކަމުގެ ހުއްދަ ލިބިފައި،" ބައްސާމް ވިދާޅުވިއެވެ.
ރާއްޖޭގައި ކުޅޭ ގޮތަށް ކުރިން ހަމަޖެހިފައިވާ މެޗް ޗައިނާގެ ހޯމް މެޗެއްގެ ގޮތުގައި އެ ގައުމުގައި ކުޅެން ހަމަޖެހުމުން، 24 މާރޗް 2016ގައި ޗައިނާގައި ކުޅެން ކުރިން ހަމަޖެހިފައިވާ މެޗު ދެން ކުޅޭނީ ރާއްޖޭގައެވެ.
ބައްސާމް ވިދާޅުވީ، ގައުމީ ޓީމް ޗައިނާއަށް ދިއުމުގެ ކުރީން އެ މެޗަށް ތައްޔާރުވުމުގެ ގޮތުން މިމަހުގެ 26 ވަނަ ދުވަހު ފިލިޕީންސަށް ފުރާނެ ކަމަށެވެ.
"އެ ދަތުރުގައި އަންނަ މަހު 3 ގައި ފިލިޕީންސްގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅެން ހަމަޖެހިފައި ވަނީ،" ބައްސާމް ވިދާޅުވި އެވެ.
ރާއްޖޭގައި އަންނަ މަހު 8 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗު ޗައިނާގައި ކުޅޭގޮތަށް އެފްއޭއެމުން ހަމަޖެއްސީ މިނިވަން 50 އާ ގުޅިގެން ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ކުޅިވަރު ހަރަކާތްތަކަށްފަހު، ދަނޑުގެ ވިނަ ގަނޑު ހަލާކުވެ، އެ މެޗު ކުޅެންވާއިރަށް ދަނޑު ފުރިހަމައަށް ތައްޔާރުވާނޭ ކަމުގެ ޔަގީންކަން ނެތުމުންނެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު މީގެ ކުރިން ވިދާޅުވެފައި ވަނީ، ދަނޑުގެ ވިނަގަނޑު ރިކަވަރ ވުމަށް ދެ މަސް ދުވަސް ހޭދަވާނެ ކަމަށެވެ.
ރާއްޖެއިން ވަނީ، ސެޕްޓެމްބަރު 8 ގައި ކުޅޭ މެޗު ޗައިނާގައި ކުޅޭ ގޮތަށް އެއްބަސް ނުވެއްޖެ ނަމަ، އެމެޗް ކުޅެން ރާއްޖެއިން ހޯމް ދަނޑުގެ ގޮތުގައި އަވަށްޓެރި ގައުމެއްގެ ދަނޑު ނަގާނެކަމަށް ބުނެފައެވެ. އެގޮތުން ލަންކާއާއި ދުބާއީއިންނާއި ގަތަރުގެ ދަނޑު ނެގުމަށް ފުރުސަތު ލިބިފައިބވާ ކަމަށް ޝަވީދު އޭރު ވިދާޅުވި އެވެ.
ދަނޑުގެ ވިނަ ގަނޑު ހަލާކުވުމުން އެމައްސަލަ ހައްލު ކުރުމަށްޓަކައި ޔޫތު މިނިސްޓްރީއާ ގުޅިގެން ގަތަރުގެ އެހީތެރިކަމާއެކު ވިނަގަނޑުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
އެގޮތުން ގަތަރުން ފޮނުވި ނިއުޒިލެންޑްގެ އެކްސްޕާޓެއްގެ ބެލުމުގެ ދަށުން ދަނޑުގެ ވިނަގަނޑު ރިކަވާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަވީދު އޭރު ވިދާޅުވިއެވެ.