ތ. ތިމަރަފުށީ ބްލޫނިޔާގޭ އަހްމަދު އަސީލު މަރާލި މައްސަލައިގެ ޝަރީއަތް ފެށުމަށްފަހު ވީޑިއޯ ކޮންފަރެންސް ސިސްޓަމްގައި މައްސަޖެހިގެން ކެންސަލްކޮށްފިއެވެ.

މައްޗަންގޮޅި ދިދިގޯޅި ތެރޭގައި ހުންނަ "އަގޯރާ އެކްސްޕްރެސް" ފިހާރަ ކުރިމަތިން ވަޅިން ހަމަލާދީ އަސީލް މަރާލި ހާދިސާއާ ގުޅިގެން ހަ މީހެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.

އެ މީހުންނަކީ ގދ. ތިނަދޫ ސްވީޓް ޑްރީމް، އަހްމަދު ނިމްޝާދާއި ހުޅުމާލެ ފްލެޓް 110118 އަހްމަދު ޖައުފަރާއި މާލޭ ދަފްތަރު 107 އަހްމަދު ޖައުފަރާއި ގދ. ވާދޫ އާބަހާރުގޭ އިހްސާން ރަޝީދާއި މ. ގޯލްޑްބާޑްލިލީ، ހަސަން އިސާމް މުހައްމަދުގެ އިތުރުން މއ. ރާޅުއެރިގޭ ޝާރިފް ޝަރީފެވެ.

މިއަދު ހެކިބަސް ދިން މީހާ ބުނީ އަގޯރާ އެކްސްޕްރެސް ފިހާރަ ކައިރީގައި އޭނާ ހުއްޓައި ސައިކަލްގައި އެތަނަށް ދިޔަ ބައެއްގެ ތެރެއިން މީހަކު އެތަނުގައި ހުރި މީހަކާ ދިމާލަށް ހޮޅިބުރިއެއް ހޫރުވާލި ކަމަށެވެ.

ދައުވާ ލިބޭ ހަ މީހުންގެ ތެރެއިން ހޮޅިބުރި ހޫރުވާލި މީހަކީ ކޮބއިތޯ ބުނުމުން ކޮންމެސް ވަރަކަށް ހެކިވެރިޔާ ވަނީ އެމީހާ އައިޑެންޓިފައި ކޮށްދީފައެވެ. ނަމަވެސް ވީޑިއޯ ފުސްކަމުން ސާފުކޮށް އެމީހަކީ ކާކަން ބުނެދޭން ނޭނގޭ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ އެގޮތަށް ބުނުމުން ގާޒީ ވަނީ ޝަރީއަތް މެދުކަނޑާލާފައެވެ. އޭގެފަހުން ގާޒީ އެ މައްސަލަ ހައްލުނުވާތީ ޝަރީއަތް ކެންސަލް ކޮށްފައެވެ.

އެ ހަ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:45 އެހާކަންހާއިރު "އަގޯރާ އެކްސްޕްރެސް" ފިހާރަ ކައިރީގައި އަސީލާއި އިތުރު ދެ މީހަކު ހުއްޓައި އެމީހުން ގޮސް އެ ތިން މީހުންނަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެ އެންމެންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެ މައްސަލާގައި ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާ އުފުލި ކުދިންނާ ދެކޮޅަށް ހެކިބަސް ނަގައި މިހާރު ވަނީ އެ މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތައް ނިންމާލާފައެވެ.