ޗައިނާގެ ވެރިރަށް ބެއިޖިންގައި މިމަހު 22 ން 30 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 15 ވަނަ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަ ކުރުމަށް ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ޗައިނާއަށް ފުރައިފިއެވެ.

ވޯލްޑް ޗެމްޕިއަންޝިޕް ގައި ސާއިދު ވާދަކުރާނީ 100 މީޓަރު ދުވުމުގެ އިވެންޓްގައެވެ.

ބެއިޖިންގެ ނެޝަނަލް ސްޓޭޑިއަމް 'ބާޑް ނެސްޓް' ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޗެމްޕިއަންޝިޕްގައި 100 މީޓަރު އިވެންޓްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުއެވެ.

ސާއިދު ވަނީ، ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު އިވެންޓުން ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގައި ދުނިޔޭގެ އެންމެ މޮޅު ދުވުންތެރިން ކަމުގައިވާ ޖެމެއިކާގެ އުސެއިން ބޯލްޓާއި އެމެރިކަގެ ޖަސްޓިން ގަޓްލިންވެސް ވާދަކުރެއެވެ.

ސަތޭކަ މިޓަރު އިވެންޓްގެ އެންމެ ފަހުގެ ޗެމްޕިއަންއަކީ ބޯލްޓެވެ.