19 Aug 2015, 14:10
ދިހަހާސް މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ނުޖެހޭ ގޮތަށް، ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީ ލިބޭނީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަނި ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ އިރު 10،000 މެމްބަރުން ހަމަ ނުވާ ޕާޓީއަކަށް ފައިސާ ދޫނުކުރާނެ ކަމަށެވެ.
ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެމްބަރަކަށް ވުމަށް އެދިފައިވާ 10،000 މީހުންގެ ސޮއި ހޯދަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އަޒްހާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ 3،000 މީހުންގެ ސޮއި ހޯދުމުން ސިޔާސީ ޕާޓީއެއް އުފެއްދޭނެ ކަމަށެވެ.
އަދި އެ ގާނޫނަށް އަމަލު ކުރަން ފަށާ އިރު އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް އެ އަދަދަށް މީހުން ހަމަކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
އެ ގާނޫނުގެ ދަށުން 20،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެ ޕާޓީތަކުގެ އިދާރީ އޮފީހާއި އެ ޕާޓީތަކުގެ ހަރަކާތްތައް ހިންގުމަށް 1،000 އަކަފޫޓުގެ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ސަރުކާރުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.