19 Aug 2015, 13:42
ބަޣްދާދު (އޮގަސްޓް 19) : އިރާގުގެ އުތުރުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ މޫސަލް އައިއެސް ޖަމާއަތުގެ ކޮންޓްރޯލްގެ ދިޔުމުގެ ޒިންމާ އުފުލަންޖެހޭ އިރާގުގެ މަސްއޫލުވެރިންގެ މައްސަލަ ޝަރީއަތަށް ފޮނުވި އިރު އޭގައި އިރާގުގެ ކުރީގެ ބޮޑުވަޒީރު ނޫރީއަލްމާލިކީ ވެސް ހިމެނިވަޑައިގަންނަވާތީ އެކަމަށް އޭނާ ދެކޮޅު ހައްދަވައިފި އެވެ.
މާލިކީ ވިދާޅުވީ މޫސަލް އައިއެސް ޖަމާއަތުގެ ކޮންޓްރޯލްގެ ދިޔުމުގައި ފަރުވާކުޑަކުރުމެއްވާ ނަމަ އެއީ ގައުމީ ޖަރީމާއެއްކަމަށް ގަބޫލު ކުރައްވާ ކަމަށާ ނަމަވެސް އިރާގުގެ ޕާލަމެންޓުން އެކަން ބަލައި ތަހްގީގްކޮށްފައި ވަނީ ސިޔާސީ ކުލަވަރުޖެހިގެން ކަމަށް ބެލެވޭކަމުގަ އެވެ. އަދި މިކަން ތަހްގީގްކޮށް ޒިންމާ އުފުލަން ޖެހޭ ފަރާތްތައް ކަނޑައެޅުމަކީ ޕާލަމެންޓްގެ އިޚްތިސާސެއްނޫން ކަމާ އެއީ ފަންނީ އިދާރާތަކުގެ އިޚްތިސާސެއްކަމަށް ވެސް މާލިކީ ވިދާޅުވި އެވެ.
މޫސަލް، އައިއެސް ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައި ވަނީ އިރާގުގެ ސިފައިންނާއި ސަރުކާރުގެ މަސްއޫލުވެރިންގެ ފަރުވާކުޑަކަމުން ކަމަށް ބެލެވޭތީ އެކަން އިރާގުގެ މަސްއޫލުވެރިން ސިފަކުރައްވަމުން ގެންދަނީ ގައުމަށް ޚިޔާނާތްތެރިވުމުގެ އަމަލެއްގެ ގޮތުގަ އެވެ.
އިރާގުގެ ޕާލަމެންޓުން އެކުލަވާލި ޚާއްސަ ކޮމިޓީ އަކުންވަނީ މޫސަލް އައިއެސްގެ އަތްދަށަށް ދިޔަ މައްސަލަ ތަހްގީގް ކުރުމަށްފަހު އިހްމާލުވި އިރާގުގެ އަސްކަރީ އަދި ސިޔާސީ މަސްއޫލުވެރިންގެ މައްޗަށް ޝަރީއަތް ހިންގުމަށްޓަކައި އެމައްސަލަ ޝަރުއީ ދާއިރާއަށް ފޮނުވާފަ އެވެ. މިކަމުގެ ޒިންމާ އުފުލަންޖެހޭ ކަމަށް އިރާގުގެ ޕާލަމެންޓްގެ ޚާއްސަ ކޮމިޓީން ނިންމި ލީޑަރުންގެ ތެރޭގައި އެދުވަސްވަރު ބޮޑުވަޒީރަކަށް ހުންނެވި ނޫރީއަލްމާލިކީ ހިމެނިވަޑައިގަންނަވަ އެވެ. އައިއެސްގެ އަތްދަށަށް މޫސަލް ދިޔައީ އެރަށުގެ ދިފާޢުގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ އިރާގުގެ ލަޝްކަރުތަކުގެ ގިނަބަޔަކު އެރަށްދޫކޮށް ފިލައިގެން ދިޔުމާގުޅިގެން ކަމަށް އިރާގު ސަރުކާރުން ބުނެފައިވެ އެވެ. މިރަށް އައިއެސްގެ އަތްދަށަށްދިޔުމުގެ ސަބަބުން އައިއެސްގެ ޝިކާރައަކަށްވެ އިރާގުގެ އާންމުންގެ އެތަށް ބައެއްގެ ފުރާނަވަނީ ދުއްވާލާފަ އެވެ.
އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ވެސްވަނީ މޫސަލްގެ މައްސަލާގައި ޒިންމާ އުފުލަންޖެހޭ މީހުންގެ މައްސަލަ ޝަރީޢަތަށް ފޮނުވުމަށް ތާއީދުކުރައްވާފަ އެވެ.
މީގެއިތުރުން އަބާދީވަނީ އިރާގުގެ ވެރިކަމުގެނިޒާމު އަލުން އިސްލާޙްކޮށް ރަނގަނޅު ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ވެސް ފައްޓަވާފަ އެވެ. މިޕްރޮގްރާމުގެ ދަށުން އަބާދީ ގެންދަވަނީ ކޮރަޕްޝަނާއި ފަސާދައާއި ފަރުވާކުޑަކުރުމުގެ ތުހުމަތުތައް ކުރެވޭ އިރާގުގެ އިސް މަސްއޫލުވެރިން ވެސް މަގާމުން ދުރުކުރައްވަމުންނެވެ. މަގާމުން ދުރުކުރެވުނު އިސްމަސްއޫލުވެރިންގެ ތެރޭގައި އިރާގުގެ ރައީސްގެ ބައެއް ނައިބުންނާއި ބޮޑުވަޒީރުގެ ބައެއް ނައިބުން ވެސް ހިމެނިވަޑައިގަންނަވާއިރު މީގެތެރޭގައި ވެސް މާލިކީ ހިމެނިވަޑައިގަންނަވަ އެވެ.
އިސްލާޙީ ޕްރޮގްރާމްގެ ދަށުން އަބާދީވަނީ އޭނާގެ ކެބިނެޓްގެ ބައެއް ވަޒީރުން ވެސް މަގާމުން ދުރުކުރައްވައި ބައެއް ވުޒާރާތައް އުވާލައްވައި އެތަންތަނުގެ މަސައްކަތްތައް އެހެން ވުޒާރާތަކާ އެއްކޮށްލައްވާފަ އެވެ. އިސްލާޙީ ޕްރޮގްރާމުގެ އެންމެ ބޮޑުބޭނުމަކީ އިރާގުގެ ދައުލަތުގެ ގުނަވަންތަކުގައި އުފެދިފައިވާ ކޮރަޕްޝަނާއި ފަސާދަ ނައްތާލުމުގެ އިތުރުން ޒަމާނުއްސުރެ އިރާގުގައި އޮތް ނަސްލީ ދީނީ އަދި މަޛްހަބީ ތަފާތުކުރުންތައް މުޅިން ނައްތާލުން ކަމަށް އަބާދީ ވަނީ ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)