19 Aug 2015, 11:59
ޑީކޯޑަރު ބޭނުން ކޮށްގެން ހުރިހާ ފޯމެޓެއްގެ މީޑިއާ ފައިލެއް އެޅުވުމުގެ ހިދުމަތް މީޑިއާ ނެޓުން ތައާރަފު ކޮށްފި އެވެ.
މީޑިއާ ނެޓުން ބުނި ގޮތުގައި އަލަށް ތައާރަފު ކުރި އަޕްގްރޭޑެޑް އައިޕީއޯ95 ސީ ޑީކޯޑަރުތައް ބޭނުން ކޮށްގެން ކޮންމެ ފޯމެޓެއްގެ މީޑިއާ ފައިލްއެއް އެޅުވޭ އިރު ބޭނުން ކަމުގައިވާ ނަމަ އެ ޑީކޯޑަރުގެ ބިލްޓް އިން ސްޓޯރޭޖަށް އެ ފައިލް ސޭވް ކޮށްލެވިދާނެ ކަމަށެވެ.
ދެ ވޭރިއެންޓެއްގެ ގޮތުގައި ތައާރަފު ކުރާ އެ ޑީކޯޑަރުގެ އެއް ވާޝަންގައި 500 ޖީބީގެ ބިލްޓް އިން ސްޓޯރޭޖެއް ހުރެ އެވެ. އަދި ދެވަނަ ވާޝަންގައި އެއް ޓީބީގެ ސްޓޯރޭޖެއްވެ އެވެ.
މީޑިއާ ނެޓުން ބުނީ ޑީކޯޑަރުގެ ސްޓޯރޭޖު އިތުރުކޮށްފައި ވަނީ ކަސްޓަމަރުންގެ ކޭބަލް ޓީވީ ބެލުމުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކަމަށެވެ.
އެ ހިދުމަތް ލިބޭ ވަޔާލެސް (IPO95W S) އަދި ކޭބަލް ޑީކޯޑަރު (IPO95C S) ތަކުން އެއްވަގުތެއްގައި ދެ ޗެނަލަކުން ޓީވީ ރެކޯޑު ކުރުމުގެ އިތުރުން ޕްރޮގްރާމެއް ރެކޯޑު ކުރާވަގުތު އެހެން މީޑިއާއެއް އެޅުވުމުގެ ހިދުމަތް ލިބޭނެ ކަމަށް މީޑިއާ ނެޓުން ބުންޏެވެ.