ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރިތާ ތިން މަސްވީ އިރު ވެސް، ސުޕްރީމް ކޯޓުގައި އޮންނަ އިގްރާރެއްގައި ސޮއިނުކުރެވިގެން 103 ވަކީލަކަށް ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށް ސަރުކާރުގެ ރަސްމީ އޮފީހަކުން ބުނެފި އެވެ.

ސަރުކާރުގެ ރަސްމީ އޮފީހެއްގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އަށް މިއަދު ވިދާޅުވީ 103 ވަކީލުންނަށް ކޯޓުތަކުގައި ވަކާލަތު ކުރުމުގެ ގޮތުން ދައުލަތުގެ ބަންޑާރަ ނައިބު ދެއްވަން ޖެހޭ ހުއްދަ ވަނީ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި އޮތް އިގްރާރެއްގައި ސޮއި ނުކުރެވިގެން އެބޭފުޅުންނަށް ވަކާލާތު ކުރެވޭނެ ގޮތެއް ނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ބަންޑާރަ ނައިބު ވަނީ އެ 103 ބޭފުޅުންނަށް ހުއްދަދެއްވާފައި. އެބޭފުޅުން ވަނީ ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރައްވާފައި. ނަމަވެސް ސުޕްރީމް ކޯޓުން އަލަކަށް ހަމަޖެއްސި އުސޫލުގެ ދަށުން އެ ކޯޓުގައި އޮންނަ އިގްރާރެއްގައި ސޮއި ނުކުރެވިގެން އެބޭފުޅުންނަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.

ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ފުރުސަތު ނުލިބިފައިވާ ވަކީލަކު ސަން އަށް ވިދާޅުވީ ބަންޑާރަ ނައިބު ދެއްވާފައިވާ ހުއްދަ ހިފައިގެން ސުޕްރީމް ކޯޓަށް ދިޔުމުން އެބޭފުޅުންނަށް އަންގާފައި ވަނީ "ވަކީލުންގެ ގަވާއިދު މުރާޖާކުރަމުންދާތީ މިވަގުތު އިގުރާރުގައި ސޮއިނުކުރެވޭނެ" ކަމަށެވެ.

"ދައުލަތުގެ ބަންޑާރަ ނައިބު އެވަނީ އަޅުގަނޑުމެންނަށް ހުއްދަދެއްވާފައި. އެހެންނަމަވެސް ސުޕްރީމް ކޯޓުން އަލަށް އެކުލަވާލި ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދުގައި ވަނީ އެ ކޯޓުގައި އޮންނަ އިގްރާރެއްގައި ސޮއިނުކުރަނީސް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެކަމަށް. އަޅުގަނޑުމެންނަކަށް ނޭނގެ އެބޭފުޅުން އެ ގަވާއިދު މުރާޖާކޮށް ނިމޭނެ ދުވަހެއް،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

މިކަމާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.