19 Aug 2015, 10:51
އެކި ކޮޓަރިތަކުގައި ހިންގަމުން ދިޔަ އިސްލާމިކް މިނިސްޓުރީގެ ހިދުމަތްތައް އެއް އޮފީހަކަށް ބަދަލުކޮށްފި އެވެ.
މީގެ ކުރިން އިސްލާމިކް މިނިސްޓުރީ ހިންގަމުން ދިޔައީ އިސްލާމިކް މަރުކަޒުގެ އެކި ދިމަދިލާލުގައި ހުރި ހަތް ކޮޓަރިއެއްގަ އެވެ. ނަމަވެސް މިއަދު ވަނީ ކުރިން އިސްލާމިކް ލައިބުރަރީ ހުރި ތަނަށް އެމިނިސްޓްރީގެ ހުރިހާ މުވައްޒިފުން ބަދަލުކޮށް އެއްއިމާރާތެއްގެ ދަށުން ހިދުމަތް ދޭން ފަށާފަ އެވެ.

އިސްލާމިކް މިނިސްޓުރީގެ އާ އޮފީސް މިނިސްޓަރު ޒިޔާދު ހުޅުއްވައި ދެއްވަނީ-- ސަން ފޮޓޯ: ޔޫސުފްއާ އޮފީސް ހުޅުވުމަށް ފަހު ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އެއޮފީސް ހުޅުވުމުގެ ބޭނުމަކީ އެމިނިސްޓުރީގެ މަސައްކަތް އެއްދިމާލަކުން ވީހާ ވެސް ފަސޭހަ އަވަސް ގޮތަކަށް ރައްޔިތުންނަށް ހިދުމަތްދިނުން ކަމަށެވެ. އެއާއެކު މުވައްޒޮފުންގެ މެދުގައި ގުޅުންބަދަހިވެ މަސައްކަތް އަވަސް ވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރައްޔިތުންގެ ތެރެއިން ހިދުމަތް ހޯދަން އަންނަ ފަރާތްތައް ވެސް ތަފާތު ދިމަދިމާއަށް ދިއުމުގެ ބަދަލުގައި އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން އަޅުގަނޑުމެންނަށް އެއް ފުރާޅެއްގެ ދަށުގައި މިނިސްޓުރީގެ ހުރިހާ ޝެކްޝަންތަކެއްގެ މަސައްކަތް މިއަދު މިހުޅުވިގެން ރަސްމީގޮތެއްގަ މިދިޔައީ." މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު އަލަށް ހުޅުވިގެންދިޔަ އޮފީހާ އެކު އެމިނިސްޓުރީގެ 100 މުވައްފިޒުން އެއްތަނަކު މަސައްކަތް ކުރާއިރު ހިދުމަތްދެނީ އެއް ކައުންޓަރަކުންނެވެ.