ފުލުހުންގެ ޚިދުމަތުގައި އުޅޭ އަންހެން ފުލުހުން އިންޑިއާއަށް ވުރެ ރާއްޖޭގައި ގިނަކަމަށް ކޮމްނަވެލްތް ހިއުމަން ރައިޓްސްއިން އިނިޝިއޭޓިވް (ސީއެޗްއާރުއައި) އިން ހެދި ދިރާސާއަކުން ދައްކައިފ އެވެ.

2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ އަންހެނުންގެ މިންވަރު ބެލުމަށް ސީއެޗްއާރުއައި އިން އެ ދިރާސާ ހަދާފައި ވަނީ އޭޝިއާގެ ހަތަރު ގައުމެއްގެ މެދުގަ އެވެ.

ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން އަދި ދިވެހިރާއްޖެ ހިމެނޭ ގޮތަށް ހެދި އެ ދިރާސާއިން ދައްކާގޮތުން ހަތަރު ގައުމުގައިވެސް ފުލުހުންގެ ޚިދުމަތުގައި އަންހެނުން އުޅޭ މިންވަރު ނިސްބަތުން މަދެވެ.

އެހެންނަމަވެސް އެ ހަތަރު ގައުމުގެ ތެރެއިން ފުލުހުންގެ ސަފުގައި އަންހެނުން އެންމެ ގިނައިން މަސައްކަތް ކުރަނީ ރާއްޖޭގަ އެވެ. އެއީ 7.4 ޕަސެންޓް އަންހެނުންނެވެ.

ރާއްޖޭގެ އިތުރުން އިންޑިއާގައި ހަ ޕަސެންޓް އަންހެން ފުލުހުން އަދި ބަންގްލަދޭޝްގައި 4.6 ޕަސެންޓް އަންހެން ފުލުހުން މަސައްކަތް ކުރާއިރު، ޕާކިސްތާނުގައި މަސައްކަތް ކުރަނީ 0.9 ޕަސެންޓް އަންހެން ފުލުހުން ކަމަށް ދިރާސާގައިވެ އެވެ.

"ހަމަހަމަ ކަމަށް ކުރާ އުނދަގޫ ދަތުރު - ސައުތު އޭޝިއާގައި އަންހެން ފުލުހުން" އެނަމުގައި ސީއެޗްއާރުއައި އިން ހެދި އެ ދިރާސާގެ ތަފްސީލް ރިޕޯޓު މާދަމާ އާންމު ކުރާނެ ކަމަށް ދިރާސާގެ ކޯ އެޑިޓަރު ދެވިކާ ޕްރަސާދް ވިދާޅުވި އެވެ.

އެ ދިރާސާގައި ވަކި ވަކި ގައުމުތަކުގައި ފުލުހުން މަސައްކަތް ކުރާ ނިސްބަތުގެ އިތުރުން މަސައްކަތުގައި މަސައްކަތް ކުރާ ފުލުހުންގެ ތަޖުރިބާ ހިމަނާފައިވާނެ ކަމަށް ދިރާސާގެ ކޯ އެޑިޓަރު ދެވިކާ ވިދާޅުވި އެވެ.