ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އުސޫލްތަކާ ޚިލާފަށް އެތައް މިލިއަން ރުޕީސް ޚަރަދުކޮށްފައިވާ ކަމަށް އެ ހައިކޮމިޝަނުގެ ޚާއްސަ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ. އެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ބައެއް ފައިސާ ޚަރަދުކޮށްފައި ވަނީ ކިހިނެއް ކަމެއް ނޭގެ އެވެ. އަދި ބޭކާރު ޚަރަދުތައް ކޮށްފައިވާ ކަަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. އެ ރިޕޯޓްގައި ބަލާފައިވަނީ 2011 ވަނަ އަހަރާއި 2012 އަހަރާއި އަދި 2013 ވަނަ އަހަރު ފައިސާ ޚަރަދުކޮށްފައިވާ ގޮތަށެވެ.

މަސައްކަތް ނިންމި ކަމުގެ ލިޔުން ނެތި 3.3 މިލިއަން ރުޕީސް ޚަރަަދުކުރުން

2011 ، 2012 އަދި 2013 ވަނަ އަހަރު ހައިކޮމިޝަނުގެ ބޭނުމަށް ގަނެފައިވާ ތަކެތި ތަނަށް ލިބުނު ކަަމާއި ކުރުވާފައިވާ މަސައްކަތް ނިމުނުކަން ލިޔެކިޔެމުން އެނގެންނެތި 3.3 މިލިއަން ރުޕީސް ޚަރަދުކޮށްފައިވާ ކަަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ.

އެއްބަސްވުމެއް ނެތި 2.57 މިލިއަން ރުޕީސްގެ މަސައްކަތް ކުރުވުން

ހައިކޮމިޝަނުން ކުރުވާފައިވާ ބައެއް މަސައްކަތްތައް ކުރުވުމުގައި ހައިކޮމިޝަނާއި މަސައްކަތްކުރާ ފަރާތާއި ދެމެދު އެއްބަސްވުމެއް ނެތި މަސައްކަތްކުރުވާފައިވާ ކަަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ. އެގޮތުން 2011 ވަނަ އަހަރު 2.57 މިލިއަން ރުޕީސްގެ މަސައްކަތް އެގްރިމެންޓެއް ނެތިކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓު ބުނެއެވެ.

އެކައުންޓްގައި ފައިސާނެތި ޚަރަދުކުރުމުން އިންޓެރެސްޓް ދައްކަންޖެހުން

އެކައުންޓްގައި ފައިސާނެތި ޚަރަދުކުރުމުން އިންޓްރެސްޓްގެ ގޮތުގައި 322939 ރުޕީސް 2011 އަދި 2012 ވަނަ އަހަރު ދައްކަންޖެހުނު ކަމަށާއި އަދި މި އިންޓްރެސްޓްދައްކާފައި ވަނީ މާލިއްޔަތު ގާނޫނާ ޚިލާާފަށް ކަަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ. 2011، 2012 އަދި 2013 ވަނަ އަހަރު އެކައުންޓްގައި ފައިސާ ނެތި ހައިކޮމިޝަނުން ވަނީ 21.2 މިލިއަން ރުޕީސް ޚަރަދުކޮށްފައެވެ.

ބިލްތަކަށް ފައިސާ ނުދައްކާ ގިނަ ދުވަސްވުން

2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 3.5 މިލިއަން ރުޕީސްގެ ބިލްތަކުގެ ފައިސާ ދައްކާފައިނުވާ ކަމަށާއި އޭގެ ތެރެއިން 3.2 މިލިއަން ރުޕީސްގެ ބިލްތަކުގައިވާ ހިދުމަތް ހޯދުމަށް ހައިކޮމިޝަނުން އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން އެދިފައިވާ ލިޔުމެއް ފެންނަށް ނެތް ކަަމަށް އޮޑިޓް ރިޕޯޓް ބުނެއެވެ. އޭގެތެެރޭގައި ދެ ހޮސްޕިޓަލަކުން ހުށަހަޅާފައިވާ ބިލް ހިމެނެ އެވެ.

އިމިގްރޭޝަނަށް ހަވާލުކުރަން ޖެހޭ ފައިސާ ހަވާލުނުކޮށް ގިނަ ދުވަސްވުން

2011، އަދި 2012 އަދި 2013 ވަނަ އަހަރު ޕާސްޕާޓް އާ ކުރުމުގެ ފީ ގެ ގޮތުގައި ލިބިފައިވާ 3.09 މިލިއަން ރުޕީސް 2014 ވަނަ އަހަރުގެ ނިޔަަލަށް އިމިގްރޭޝަނާއި ހަވާލުކޮށްފައި ނުވާ ކަމަށް އެ ރިޕޯޓް ބުނެއެވެ.

އިތުރު ގަޑީގެ ފައިސާ އުސޫލާއި ޚިލާފަށް ދިނުން

ހައިކޮމިޝަނުގައި މަސައްކަތްކުރާ ލޯކަލް ސްޓާފުން އިތުރު ގަޑީގަ މަސައްކަތްކުރުމުގެ ހުއްދަ ހޯދަނީ އިތުރުގަޑީގައި މަސައްކަތްކުރުމަށް ފަހު މުޅި މަހަށް އެއްކޮށް ކަމަށް އެ ރިޕޯޓްގައި ބުނެ އެވެ. އަދި އެހެންކަމުން މުވައްޒަފުންގެ ނުކުރާ މަސައްކަތްތަށް ފައިސާ ޚަރަދުކުރުމުގެ ފުރުސަތު އެބައޮތްކަމަށް ރިޕޯޓްގައި ވެއެވެ. 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އިތުރު ގަޑޫގެ ޚަރަދަށް ބަޖެޓް ކޮށްފައިވާ ވަރަށް ވުރެ 1403297 ރުޕީސް ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.

އިމާރަތްތަކާއި ވެހިކަލްތަކުގެ މަރާމާތަށް ފޮނުވު ފައިސާއިން ބައެއް އެކަމަށް ޚަރަދުނުކުރުން

ހައިކޮމިޝަނުގެ މުދަލާއި ތަކެތި މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ޚަރަދަށް ފޮނުވާފައިވާ ބަޖެޓްގެ ތެރެއިން 2011 ވަނަ އަހަރު ފޮނުވި ފައިސާގެ 30 ޕަސެންޓް ބޭނުންކޮށްފަ ނުވާ ކަަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ. އަދި 2012 ވަނަ އަހަރު ކޮމިޝަނަށް ފޮނުވާފައިވާ ފައިސާގެ 64 ޕަސެންޓް ބޭނުންކޮށްފައި ނުވާ ކަމަށް އެ ރިޕޯޓްގައި ވެއެވެ. އެހެންނަމަވެސް 2013 ވަނަ އަހަރު މަރާމާތަށް ފޮނުވި ފައިސާ އަށް ވުރެ އިތުރަށް ޚަރަދުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ވެއެވެ. 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު ހައިކޮމިޝަން މަރާމާތްކޮށް ބެލެހެއްޓުމުގެ ކޯޑުން 1265329 ރުޕީސް ހަރު މުދާ ހޯދުމަށް ޚަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓްގައި ވެއެވެ. އެހެންކަމުން ފައިސާ ފޮނުވާފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް ފައިސާ ޚަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެއެވެ.

ހަރުމުދަލާއި ބެހޭ މައުލޫމާތު މާލިއްޔަތު ގާނޫނާއި އެއްގޮތަށް ލިޔެ ބަލަހައްޓާފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓް ބުނެއެވެ.