19 Aug 2015, 11:17
ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ފާސްކުރި ސިއްހީ ޚިދުމަތްތެރިންގެ ގާނޫނުގައި ބުނެފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފި އެވެ.
ހެލްތު މިނިސްޓުރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ އެކައުންސިލަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާލީ ފުރަތަމަ ހުޅުވާލި ފުރުސަތުގައި އެކަމަށް އެކަށީގެންވާ ވަރަށް ބޭފުޅުން ކުރިމަތި ލައްވާފައިނުވާތީ ކަމަށެވެ.
އެ އިއުލާނުގައި ވަނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ތިން މެޑިކަލް ޕްރެކްޓިޝަނާގެ އިތުރުން އެއް ޑެންޓަލް ޕްރެކްޓިޝަނާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ބޭނުންވާ ކަމަށެވެ.
ތިން މެޑިކަލް ޕުރެކްޓިޝަނާގެ ތެރެއިން އެއް ބޭފުޅަކު ވާން ޖެހޭނީ އަތޮޅު ތެރޭގައި އެއް އަހަރުގެ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅަކަށް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ކައުންސިލް މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް:
- ކައުންސިލްގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
- ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތް ކުރަން ޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި ސުވާލުކުރަން ޖެހޭ ފާރާތްތަކާ ސުވާލުކުރުމާއި ދިރާސާކުރަން ޖެހޭ ލިޔުންތައް ދިރާސާކުރުމާއި ތައްޔާރުކުރަން ޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
- މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑުތަކާއި ސުލޫކީ މިންގަޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.
ކައުންސިލް މެންބަރުންގެ ޝަރުތުތައް:
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިނުވުން
ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން ފަސް އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
ސިއްހީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
ހެލްތު މިނިސްޓުރީން އިއުލާނު ކޮށްފައިވާ އެ ކައުންސިލަށް މެމްބަރުން ހޮވުމަށްޓަކައި ސިލެކްޝަން ކޮމިޓީއެއް ހެލްތު މިނިސްޓުރީ އިން އެކުލަވާލަންޖެހެ އެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ މިނިސްޓުރީން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ މެމްބަރެއްގެ އިތުރުން މަދަނީ ޖަމިއްޔާއަކުން މެމްބަރެކެވެ.
އެ އިއުލާނުގައި ވަނީ އެކައުންސިލަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 14:30 ކުރިން ހެލްތު މިނިސްޓުރީއަށް ސިޓީ ހުށަހަޅަންވާނެ ކަމަށެވެ.