19 Aug 2015, 10:27
ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ ތެރޭގައި ފާސްކުރި ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ "މޯލްޑިވްސް އެލައިޑު ހެލްތު ކައުންސިލަށް" ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ 41 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހު ފެށިގެން 60 ދުވަހުގެ ތެރޭގައި "މޯލްޑިވްސް އެލައިޑު ހެލްތު ކައުންސިލެއް" ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ ކަމަށެވެ.
އެގޮތުގެ މަތީން ހެލްތު މިނިސްޓްރީ އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ކައުންސިލަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ 15:00 ކުރިން ހެލްތު މިނިސްޓްރީއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ގާނޫނުގައި ބުނެފައި ވަނީ މޯލްޑިވްސް އެލައިޑު ހެލްތު ކައުންސިލަކީ މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސުގެ ނަމުގައި ނަމުގައި ހިންގަމުން އައިސްފައިވާ ތަން ކަމަށެވެ.
އެލައިޑު ކައުންސިލުގެ މެމްބަރު ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެ އެވެ. ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި ސިޔާސީ މަގާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން ވެސް ހިމެނެ އެވެ. ސިއްހީ ހިދުމަތްދޭ އެއްވެސް ތަނެއްގެ ވެރިއަކަށް ނުވަތަ ހިއްސާދާރަކަށް އެ ކައުންސިލަކަށް ކުރިމައްޗެއް ނުލެވެ އެވެ.
ހެލްތު މިނިސްޓުރީ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ ކައުންސިލަށް ކުރުމަތިލެވޭނީ އެލައިޑު ހެލްތު ޕުރޮފެޝަނަލުން ތަމްރީނު ކުރާ މަރުކަޒެއްގައި މަސައްކަތް ކުރާ ފަރާތްތަކަށާއި ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށެވެ. ހަމައެއާއެކު ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކަށް ވެސް އެ ކައުންސިލަށް ކުރިމަތިލެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ހެލްތު މިނިސްޓުރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ ދާއިރާތަކަށް ބޭފުޅުން ކަނޑައަޅާނީ ތަޢުލީމާއި މަސައްކަތު ތަޖުރިބާއަށް ބެލުމަށްފަހުގައި ކަމަށެވެ.
އެގޮތުން އެ މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ތައުލީމީ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑަކީ ޑިޕުލޮމާ އެވެ. އަދި އެންމެ މަދުވެގެން ފަސް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބަ ލިބިފައި ހުންނަން ޖެހެ އެވެ.
އިއުލާނުގައި ބުނެފައި ވަނީ ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ތެރެއިން މާކްސް ދެވޭނީ، އެންމެ މަތިން ހޯދާފައިވާ ތަޢުލީމީ ސެޓްފިކެޓަށް އެކަނި ކަމަށެވެ. މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް އިންޓަވިއުކުރުމަކާ ނުލައި އެ މަގާމަށް ހޮވުނުކަމަށް ސިލެކްޝަން ކޮމިޓީއަށް ކަނޑައެޅިދާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.