13 Mar 2011, 22:19
ތެހެރާން : އީރާނުގެ ހުޅަނގު ދެކުނުގައިވާ އެންމެބޮޑު ދެތެޔޮވަޅު ތަރައްޤީކުރުމުގެ އިންވެސްޓްމަންޓްގެ ބޮޑުބައި ފުރިހަމަކޮށްދޭން ޗައިނާ ނިންމައިފިއެވެ.
މިދެތެޔޮވަޅު ތަރައްޤީކުރުމުގެ އިންވެސްޓްމަންޓަށް ޖުމްލަ 12 ހާސް މިލިޔަން ޑޮލަރު (12 ބިލިޔަން އެމެރިކާ ޑޮލަރު) ބޭނުންވާތީ ބޭރުގެ ބިޔަ ކުންފުންޏެއްގެ ނޫނީ ބޮޑުޤައުމެއްގެ މާލީ އެހީތެރިކަންނެތި މިކަންކުރެވެންނެތްކަމަށް އީރާން ބުނެއެވެ.
އެމެރިކާއާއި ޔޫރަޕްގެ ތެލާބެހޭ ބޮޑެތި ކުންފުނިތައް އީރާނުގެ ތެލުގެ އިންޑަސްޓްރީގައި އިންވެސްޓް ކުރަން މިހާރު ފަސްޖެހެނީ އީރާނުގެ ތެލުގެ އިންޑަސްޓްރީގައި އިންވެސްޓްކުރާ ފަރާތްތަކާ ދެކޮޅަށް އެމެރިކާ އަމިއްލައަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ހުޅަނގުގެ ތެލުގެ ކުންފުނިތަކަކީ އެމެރިކާ އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސީދާއަސަރު ވަރަށް އަވަހަށް ކުރާމިންވަރަށް އެމެރިކާގެ މާލީ ނިޒާމްގައި ބަނދެވިފައިވާ ކުންފުނިތަކެކެވެ. އެހެންކަމުން އީރާނުގެ ތެލުގެ އިންޑަސްޓްރީގައި ކުރިން އިންވެސްޓްކޮށްފައިވާ ހުޅަނގުގެ ބޮޑެތި ކުންފުނިތައް މިހާރުދަނީ އެޤައުމުން ފައިބަމުންނެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުމުގެ ގޮތުން އީރާން ގެންގުޅެނީ އެޤައުމުގެ އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތައް ގުޅިގެން ބޮޑު ރައުސްމާލެއް ޖަމާކޮށްގެން ޤައުމީ ފެންވަރުގައި ތެޔޮވަޅުތައް ތަރައްޤީކުރުމުގެ ސިޔާސަތެކެވެ.
މިގޮތަށް އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތައް ގުޅިގެން ޤައުމީ އިންވެސްޓްމަންޓްތަކެއްގެ ގޮތުގައި އީރާނުން ގެންދަނީ އެޤައުމުގެ އެތަށް ތެޔޮވަޅެއް ތަރައްޤީކުރަމުންނެވެ. ނަމަވެސް އީރާނުގެ ހުޅަނގު ދެކުނުގައިވާ އެންމެ ބޮޑު ދެ ތެޔޮވަޅު ރައްޤީކުރުމަށް 12 ހާސް މިލިޔަން ޑޮަލަރު ބޭނުންވާތީ ބޭރުގެ ފަރާތެއްގެ އެހީތެރިކަންނެތި މިކަންކުރެވޭނެގޮތް އީރާނަށްވަނީ ނުވެފައެވެ.
އީރާނަކީ ދުނިޔޭގައިވާ ގުދްރަތީ ގޭހުގެ ރިޒާވް ދެވަނައަށް އެންމެބޮޑު ޤައުމެވެ. އަދި އެންމެ ގިނައިން ތެޔޮއުފައްދާ ހަތަރުވަނަ ޤައުމުވެސް މެއެވެ. ޗައިނާއާއި އޭޝިޔާގެ ޤައުމުތަކަކީ އީރާނުގެ ތެލާއި ޤުދްރަތީ ގޭހަށް ވަރަށް ބޮޑަށް ބަރޯސާކުރާ ޤައުމުތަކެކެވެ.
ހުޅަނގުގެ ކުންފުނިތައް އީރާނުން ނުކުތުމުން އީރާނުގެ ތެލާއި ޤުދްރަތީގޭހުގެ އިންޑަސްޓްރީއަށް ކުރިމަތިވާ ހުސްތަން ފުރައި އީރާނުގައި އިންވެސްޓް ކުރުމަށް ޗައިނާގެ އިތުރުން އޭޝިޔާގެ ކުންފުނިތައް ވެސް ޝައުޤުވެރިވެއެވެ. ސަބަބަކީ އީރާނުގެ ތެލާއި ގުދްރަތީ ގޭހުގެ އިންޑަސްޓްރީއަކީ މަލްޓި ޓްރިލިޔަން ޑޮލަރުގެ ވަރަށް ފައިދާބޮޑު އަދި އެހާމެ ފުޅާ މާކެޓަކަށްވާތީއެވެ.
ޗައިނާގެ ކުންފުނިތަކާއި އޭޝިޔާގެ ބޮޑެތި ކުންފުނިތައް އީރާނުގައި އިންވެސްޓްކުރަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވަގުތީ ގޮތުން ލިބޭ ގެއްލުންތަކަށްވުރެ އީރާނުގައި އިންވެސްޓް ކުރުމުން މުސްތަޤްބަލްގައި ލިބޭނެ ފައިދާ މާ ބޮޑުވާނެތީއެވެ.
އެމެރިކާގެ ފިޔަވަޅުތަކުން ހުޅަނގުގެ ކުންފުނިތަކަށް ކުރިމަތިވާވަރުގެ ބޮޑެތި ދަތިތަކާއި ފިއްތުންތައް ޗައިނާއަށާއި އޭޝިޔާގެ ކުންފުނިތަކަށް ކުރިމަތިނުވުމަކީވެސް މިފަރާތްތަކުން އީރާނާ ދިމާއަށް މިސްރާބުޖަހަން މެދުވެރިވާ ސަބަބެއްކަމަށް އިޤްތިސާދީ ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ ހުޅަނގު ދެކުނުގައިވާ އެންމެބޮޑު ދެ ތެޔޮވަޅު ތަރައްޤީކުރުމުގައި ޗައިނާ ބައިވެރިވުމާބެހޭ ދެ އެއްބަސްވުމެއްގައި ދެޤައުމުން މިދިޔަ ހަފްތާގައިވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މި ދެ ތެޔޮވަޅު ތަރައްޤީ ކުރުމުގެ އިންވެސްޓްމަންޓްގެ 90 ޕަސެންޓް ޗައިނާ ސަރުކާރަށް ނިސްބަތްވާ ޗައިނީސް ނެޝަނަލް އޮއިލް ފައުންޑޭޝަނުން ޙިއްސާ ކުރާނެއެވެ.
ނަމަވެސް މިބޮޑު އިންވެސްޓްމަންޓް ޗައިނާ އިން ކުރިޔަށް ގެންދާނީ މަރްޙަލާތަކަކަށް ބަހާލައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް، އިޤްތިސާދީ ރިޕޯޓްތައް