18 Aug 2015, 23:31
ޏ. ފުވައްމުލަކު ނައިބު ތުއްތު ހިނގުމުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ 10:25 ކަންހާއިރު، ފުވައްމުލަކު ނައިބުތުއްތު ހިނގުމުގައި 2 ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ، އަންހެނަކާއި ދެ ފިރިހެނުންނަށް ކަމަށެވެ.
"އެ ތިންމީހުންނަށް މިހާރު ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ އޮފިޝަލަކު ސަންއަށް މިރޭ ވިދާޅުވީ، މިރޭގެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހަކަށް އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
"އެ ތިންމީހުންގެ ވެސް ގައިގެ އެކި ތަންތަން މަށައިގެން ގޮސް ލޭއައިސްފައި ހުރީ. ދެން އެތެރެފުށުން ގެއްލުމެއް ލިބުނުތޯ ނުވަތަ ނޫންތޯ އެނގޭނީ އެކްސްރޭ ނެގުމަށްފަހު،" ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި މިރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ، ދެމަފިރިއާކާއި އިތުރު އެއް ފިރިހެނެކެވެ.