18 Aug 2015, 22:07
ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް މިއަދު އިންތިހާބު ކުރި ރަނިލް ވިކްރަމަ ސިންހާގެ ބޮޑުވަޒީރު ކަމުގައި އަވަށްޓެރި އިންޑިއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނެރަންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީ ވަނީ ރަނިލް ހޯއްދެވި ކާމިޔާބީ ފާހަގަކޮށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެއީ ހައިރާން ކުރުވަނިވި ކާމިޔާބީއެއް ކަމަށެވެ.
"ރަނިލް ވިކްރަމަ ސިންހާ އަށް ގުޅުއްވައި ހޯއްދެވި އާދަޔާ ހިލާފު ކާމިޔާބީ ފާހަގަކޮށް މަރުހަބާ ދެންނެވިން. އަހަރެން ޔަގީން ކުރަން ރަނިލް ވިކްރަމަސިންހާގެ ބޮޑުވަޒީރު ކަމުގައި އިންޑިއާ ދެމެދު އޮންނަ ބައިލެޓްރަލް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް. އަދި އަހަރެންގެ ހިތުގެ އިހްލާސްތެރި ތަހުނިޔާ ލަންކާގެ ރަށްޔިތުންނަށް ފޮނުވަން، ސުލްހަވެރި އަމާން އޮމާން އިންތިހާބެެއް ބޭއްވީތީ،" އިންޑިއާގެ ބޮޑުވަޒީރާ ހަވާލާދީ ލަންކާގެ ނޫހެއްގައި ބުންޏެވެ.
އެ ނޫހުން ބުނީ ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ލަންކާގެ ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުއްވި ކަމަށެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ އަށާއި އެމަނިކުފާނުގެ ޕާޓީ، ޔުނައިޓަޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަހުނިޔާ ވިދާޅުވި ކަމަށެވެ. އަދި ރަނިލް ވިކްރަމްސިންހައަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައިރައްޔިތުންގެ ވޯޓުން އެމަނިކުފާނު ހޮވިވަޑައިގަތުމީ އެގައުމުގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި އެމަނިކުފާނު މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ސްރީލަންކާގެ ގިނަރައްޔިތުންނަށް އޮތްކަން ހާމަވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.
އިއްޔެ ސްރީލަންކާގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު އަމާންކަންމަތީ ނިމިގެން ގޮސްފައިވާތީ ރައީސް ޔާމީން ވަނީ އެ ގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނައަށް ވެސް ތަހުނިޔާ ފޮނުއްވާފަ އެވެ.