18 Aug 2015, 22:06
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާފައިވާ މީހެއްގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
ލ. އިސްދޫ ޖަނަވަރީމާގޭ ރާމިޒް އަހްމަދު އުމުރަށް ޖަލަށްލުމަށް ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލް ކުރީ އޭނާގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހު އެވެ.
ހައިކޯޓުގެ ހުކުމްގައި ވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 9:32 އެހާކަންހާއިރު މ.ދަނާރުގޭގެ ހަތަރު ވަނަ ފަންގިފިލާ އިން ފުލުހުން މަސްތުވާތަކެތި ހޯދި ކޮޓަރި ކުއްޔަށް ހިފާފައި ވަނީ ރާމިޒުކަން ހެކީންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ.
ހެކީންގެ ހެކިބަހުން އެނގޭގޮތުގައި ފުލުހުން އެ ކޮޓަރީގައި ތިއްބައި ރާމިޒު އެތަނަށް ދިޔައީ އެ ކޮޓަރީގައި އުޅޭ އޭނާގެ ރައްޓެއްސަކާ ބައްދަލުކުރަން ކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ވަނީ ރާމިޒު އެ ކޮޓަރިއަށް ދިޔުން ފިޔަވައި އެ ކޮޓަރިއާއި އޭނައާ ހުރި ގުޅުމަކީ ކޮބައިކަން ހެކީންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ.
އެ ކޮޓަރީގެ ތެރެއިން ނެގި ސިޓީ އުރައިން ރާމިޒުގެ ފިންގާ ޕްރިންޓް ދިމާވާކަން ފިންގާ ޕްރިންޓް އެގްޒަމިނޭޝަން ރިޕޯޓުން އެނގެންއޮތް ކަމުގައި ވިޔަސް އެ ރިޕޯޓު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް އެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ވަނީ ފިންގާ ޕްރިންޓު އެގްޒަމިނޭޝަން ރިޕޯޓާ ގުޅޭގޮތުން ވާހަކަދެއްކުމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ރާމިޒަށް އެއްވެސް ފުރުސަތެއް ދީފައިނުވާ ކަމަށެވެ. އެހެންކަމުން ފިންގާ ޕްރިންޓް ގަރީނާއެއްގެ ގޮތުގައި ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލް ކޮށްފަ އެވެ.
އެ މައްސަލަ ބައްލަވާފައި ވަނީ ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ރާމިޒުގެ ފަރާތުން ހައިކޯޓުގައި ވަކާލާތު ކުރެއްވީ ގާނޫނީ ވަކީލު އާދަމް އާސިފެވެ.